Sun, 23 February, 2020, 4:36 am
މަރުގެ އިންޒާރުތައް ނުބެލުމަކީ އެބަޔަކަށް ބުރަވެ ފުލުހުންކުރި ފިނޑި އަމަލެއް: ޝަހިންދާ

މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން)ގެ ރިޕޯޓާ ގުޅިގެން އެތައް ބަޔަކަށް މަރުގެ އިންޒާރުދީގެން ފުލުހުންނަށް ހުށަހެޅި މައްސަލަ ނުބެލުމަކީ އެފަރާތަށް ބުރަވެ ފުލުހުން ކުރެއްވި ފިނޑި އަމަލެއް ކަމަށް އެމްޑީއެންގެ ފައުންޑަރު އަދި އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ފުލުހުން ބުނުމުން އެކަމަށް ރައްދު ދެއްވާ ޝަހިންދާ މިއަދު ކުރި ޓުވީޓްތަކެއްގައި ބުނީ، އޭނާއަށް ނުވަތަ އެމްޑީއެންއަށް ކުށެއް ކުރިކަމުގެ ތުހުމަތު ކުރެވޭނަމަ މައްސަލަ ތަހުގީގު ކުރަން ޖެެހޭނެ ކަމަށެވެ. އަދި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އިސްލާމިކް މިނިސްޓްރީން މައްސަލައެއް ހުށަހެޅުމުގެ ކުރިން، ބަޔަކު މުޖުތަމައުގެ ތެރޭގައި ނަފްރަތު އުފައްދާ އެތައް ބަޔަކަށް މަރުގެ އިންޒާރުދީ، ދޮގު މައުލޫމާތު ފަތުރާ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށް ޝަހިންދާ ވިދާޅުވިއެވެ.

“އެތަނުން އެއްވެސް މީހަކާ ސުވާލު ނުކޮސް، އެ މައްސަލަތަކަށް އިސްކަމެއް ނުދީ އެމްޑީއެންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ވާހަކަ ސީޕީ ހަމީދު ވިދާޅުވުމަކީ މިހާތަނަށް ވެސް އިންޒާރުތައް ދިނުމަށްފަހު މީހުން މަރާ، ވަގަށް ނަގާ އެފަދަ އަނިޔާވެރި އަމަލުތައް ހިންގާ ބަޔަކަށް ލިބޭ ހިތްވަރެއް ކަމުގައި ދެކެން. އަދި އެފަރާތަށް ބުރަވެ ވަޑާއިގެން ކުރެއްވި ފިނޑި އަމަލެއް،” ޝަހިންދާގެ ޓުވީޓްގައި ވިދާޅުވެފައިވެއެވެ.

އޭނާ އިތުރަށް ވަނީ، ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަ ކަމަށް ބުނާއިރު، ފުލުހުން ގާނޫނު އަސާސީއަށް އިހްތިރާމް ކުރުމަށާއި އިންސާފުވެރިކޮށް ފުލުހުންގެ ވާޖިބު ފުރިހަމަ ކުރުމަށް ގޮވާލައިފައެވެ.

އަދި މީހެއްގެ ފުރާނައަށް ގެއްލުން ނުވަނީސް އަނިޔާވެރި މީހުން ހުއްޓުވުމަށް ޝަހިންދާ ގޮވާލައްވާފައިވެއެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގަށް ޝަހިންދާ ފާޑު ވިދާޅުވެފައިވާއިރު، މާތް ﷲ އަށާއި އެކަލާނގެ ފޮނުއްވި ކީރިތި ރަސޫލާއަށް ގަދަރުކުޑަވާ ވާހަކަތަކެއް ހިމަނައިގެން އެމްޑީއެން އިން ނެރުނު ރިޕޯޓަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަމާ ގުޅިގެން ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

Leave a comment

Your email address will not be published.