Sun, 23 February, 2020, 3:43 am
ޔާމީންގެ ޝަރީއަތް މާދަމާ މެންދުރު 1:00 ގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތުގެ އަޑުއެހުން މާދަމާ މެންދުރު 1:00 ގައި އޮންނާނެއެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން ކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތުކުރާ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލާގައެވެ.

ދައުވާގައި ބުނެފައިވާ ގޮތުން، އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ ވަޑައިގަތުމަށްފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް، އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، ފައިސާގެ އަސްލު ޔާމީން ވަނީ އޮޅުވާލައިފައެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެދުވަހު ޝަރީއަތުގެ މަޖިލީހުގައި ވަނީ ދެ ފަރާތުން ހެކިން ހުށަހެޅުމާއި ހެކިބަޔާބެހޭ ގޮތުން ވާހަކަ ދައްކަވައިފައެވެ.

އެ ދުވަހުގެ އަޑުއެހުން ނިންމަވާލައްވަމުން އިސްގާޒީ އަހުމަދު ހައިލަމް ވަނީ އެ މައްސަލާގެ ޚުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން މި މަހުގެ 10 ވަނަ ދުވަހު ބާއްވާނެ ކަމަށް އިއުލާން ކުރައްވައިފައެވެ.

ނަމަވެސް އެ އަޑުއެހުން ފަހުން މާދަމާ ބާއްވަން ހަމަޖެއްސިއެވެ. ހުލާސާ ބަޔާން ހުށަހެޅުމުން މައްސަލައިގެ އަޑުއެހުންތައް އެއްކޮށް ނިންމާލައި، 30 ދުވަސް ތެރޭގައި ހުކުމް ކުރަން ޖެހޭނެއެވެ.

Leave a comment

Your email address will not be published.