މުޙައްމަދު އިބްރާހިމް
08 October 2019
މަޤްބޫލު ޙަބަރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ސޯލިހު ބޭފުޅެއްކަން މިއަދު އެނގިއްޖެ ކަމަށް އައްޝައިހް މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

އިޔާޒު މިހެން ވިދާޅުވީ، ގިނަ އަދަދެއްގެ ދީނީ އިލްމްވެރިންތަކާއެކު ރައީސް ސޯލިހު މިއަދު ބޭއްވެވި ބައްދަލުވުމުން އެއްވެސް ކަހަލަ ހިތްހަމަޖެހޭ ހަބަރެއް ލިބުނުތޯ އިޔާޒާއި ޝައިހް އަލީ ޒައިދު ޓެގްކޮށް ޓުވިޓަރުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

“އަލްހަމްދުﷲ. ރައީސް ސޯލިހަކީ އެމަނިކުފާނުގެ ނަމުގައިވާ ފަދައިން ސޯލިހު ބޭފުޅެއްކަން އެނގިގެން ދިޔަ،” ޑރ. އިޔާޒު ކުރެއްވި ޓުވީޓްގައި ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވެސް ބައިވެރިވެ ވަޑައިގެންނެވި މިއަދުގެ ބައްދަލުވުން ބޭއްވީ ރައީސް އޮފީހުގައެވެ. ނަމަވެސް އެ ބައްދަލުވުމުގައި ބައިވެރިވީ ކިތައް އިލްމުވެރިން ކަމެއް އަދި ދެކެވުނު ވާހަކަތަކެއް އެއްވެސް އިލްމުވެރިއެއް ވެސް އަދި ރައީސް އޮފީހުން އަދި ހާމައެއް ނުކުރެއެވެ.

ދީނީ އިލްމުވެރިން ރައީސް ސޯލިހާ މިއަދު ބައްދަލު ކުރައްވާފައި މިވަނީ، މާތް ﷲ އަށާއި އެކަލާނގެ ފޮނުއްވި ކީރިތި ރަސޫލާއަށް ގަދަރުކުޑަވާ ވާހަކަތަކެއް ހިމަނައިގެން މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) ނެރުނު ރިޕޯޓްގެ މައްސަލައިގައެވެ.

އެ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން އެ ޖަމިއްޔާއަށް އަމާޒުވެފައިވާއިރު ރައީސް ސޯލިހު ވަނީ އެމްޑީއެންގެ ރިޕޯޓަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަމާ ގުޅިގެން ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©