Sun, 23 February, 2020, 2:49 am
70 ކިލޯގެ ޑުރަގް މައްސަލަ: 13 މީހަކު ހައްޔަރުގައި

ކަނޑު ބޯޓަކުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 70 ކިލޯގެ ޑުރަގް މައްސަލައާއި ގުޅިގެން 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، ލަންކާ އާއި ރާއްޖޭގެ ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތީ އީރާނުގެ ދިދަ ނަގާފައިވާ ބޯޓެކެވެ.

ބޯޓު ހިފެހެއްޓީ ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު ބޭރުން، ރާއްޖޭގެ ހާއްސަ އިގްދިސޯދީ ކަނޑުގެ ސަރަހައްދުންނެވެ. މި މައްސަލާގައި ބޭރުގެ ބޯޓުން މަސްތުވާތަކެތި ނަގަންދިޔަ “ހެދޭކުރި-7” ނަމަކަށް ކިޔާ ރާއްޖޭގެ މަސް ދޯންޏެއް ވެސް ވަނީ ހިފަހައްޓައިފައެވެ.

ބޯޓުގައި ހަ މީހުން ތިބިއިރު ރާއްޖޭގެ މަސްދޯނީގައި ތިބީ ދެ ދިވެހިންނާއި ދެ ބިދޭސީން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިރޭ ބުނީ، އެ މީހުންގެ އިތުރުން އެ ޑުރަގް ނެޓްވޯކާ ގުޅުންހުރި އިތުރު ތިން މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ދިވެހިން ކަމެއް އަދި އެމީހުން ހައްޔަރުކުރީ ކޮންތަނަކުން ކަމެއް ފުލުހުން ނުބުނެއެވެ.

ފުލުހުން ބުނިގޮތުގައި، އަތުލައިގެން ބޯޓުގައި ތިބި ހަ މީހުންނާއި ދިވެހި މަސްދޯނީގައި ތިބި ދެ ދިވެހިންނަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ޖަހާފައިވާ ކަމަށެވެ. މަސްދޯނީގައި ތިބި ދެ ބިދޭސީންނަށް ޖެހީ 10 ދުވަހެވެ.

މީގެ އިތުރުން ނެޓްވޯކްގައި ހިމެނޭ ތިން މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނާގޮތުގައި، މި ޑުރަގް އޮޕަރޭޝަންގައި ބޯޓުން ފެނުނު ތިން ގޯންޏަކަށް އަޅާފައިހުރި 70 ޕެކެޓް މަސްތުވާތަކެތީގެ ބަރުދަން 70 ކިލޯއަށް އަރައެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގު 59.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ބުނެއެވެ.

Leave a comment

Your email address will not be published.