މުޙައްމަދު އިބްރާހިމް
09 October 2019
މަޤްބޫލު ޙަބަރު

މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި އެ ސްކޫލަކަށް ކަނޑައެޅިފައިވާ ސްކޫލް ސަރަހައްދުގައި ދިރިއުޅޭ މާލެއަށް ރައްވެހިވެފައިވާ ދަރިވަރުންނަށް އިސްކަންދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ މަހުގެ 26 ވަނަ ދުވަހު ނެރުނު ސާކިއުލާއެއްގައި ބުނީ، ކޮންމެ ސްކޫލަކަށް ވައްދާނެ ދަރިވަރުން ދިރިއުޅޭ ސަރަހައްދެއް އެ މިނިސްޓްރީން ކަނޑައަޅައި އާންމުކޮށް އިއުލާން ކުރާނެ ކަމަށެވެ.

އަދި އެ ސްކޫލް ސަރަހައްދު ކަނޑައަޅައި، 2020 ވަނަ އަހަރު ދަރިވަރުން ސްކޫލްގެ ގްރޭޑްތަކަށް ވެއްދުމުގައި އިސްކަންދޭންވީ މައިގަނޑު ފަސް ކަމެއް އެ ސާކިއުލާގައި ބުނެފައިވެއެވެ.

އެގޮތުން ސްކޫލަތަކުން ޖާގަ ދިނުމުގައި އެންމެ އިސްކަންދޭނީ އެ ސްކޫލަކަށް ކަނޑައެޅިފައިވާ ސްކޫލް ސަރަހައްދުގައި ދިރިއުޅޭ މާލެއަށް ރައްވެހިވެފައިވާ ދަރިވަރުންނަށް ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ.

އަދި ދަރިވަރުގެ ދާއިމީ އެޑްރެހަށް ބަލައި، ކަނޑައެޅިފައިވަ ސްކޫލް ސަރަހައްދުން ދަރިވަރު ނިސްބަތްވާ ސްކޫލަކުން ޖާގަ ހަމަޖައްސައިދެވޭނެ ކަމަށް ބުނެފައިވެއެވެ.

ޖާގަ ދިނުމުގައި ދެވަނައަށް އިސްކަންދޭނީ ސްކޫލުގައި އުޅޭ، ސްކޫލް ސަރަހައްދަށް ނިސްބަތްވާ ދަރިވަރުންގެ އެއްބަނޑު އެއްބަފާ، ނުވަތަ އެއްބަނޑު، ނުވަތަ އެއްބަފާ ދަރިވަރުންނަށެވެ. އަދި ތިން ވަނައަށް އިސްކަންދޭނީ އެ ސްކޫލެއްގައި ކިޔަވައިދޭ ދާއިމީ ޓީޗަރުންގެ އުފަން ދަރިން، ނުވަތަ ޝަރުއީގޮތުން ޓީޗަރުގެ ބެލުމުގެ ދަށުގައިވާ ދަރިވަރުންނަށެވެ.

އެ ތިން ކަމަށް ބަލައި ސްކޫލްތަކުން ޖާގަ ދިނުމަށްފަހު ބާކީ ހުރި ޖާގަތަކަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ސްކޫލް ސަރަހައްދާ އެއްގޮތްވާ ގޮތުގެމަތިން، ދަރިވަރުން ދިރިއުޅޭ އެޑްރެހަށް ބަލައި، ޖާގަ ހަމަޖައްސައިދެވޭނެ ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ.

އަދި ސަރުކާރު ސްކޫލްތަކުން ފައުންޑޭޝަން ލެވެލް ނިންމައި ގްރޭޑް 1 އަށް ބަދަލުވާ ދަރިވަރުންނަށް އެ ދަރިވަރަކު ފައުންޑޭޝަން ލެވެލް ނިންމި ސަރުކާރު ސްކޫލްތަކުން ޖާގަ ހަމަޖެހިގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ ކުރިން މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި އިސްކަންދީފައިވަނީ، ކޮންމެ ރަށެއްގެ ދަރިވަރަކަށް ވިއަސް އެ ދަރިވަރަކު ދިރިއުޅޭ އެޑްރަހަށް ބެލުމަށްފަހުގައެވެ. އެހެންވެ ވަކި ސްކޫލަކަށް އެ ދަރިވަރު ވެއްދުމަށް، އޮޅުވާލައިގެން ވެސް އެޑްރެސް ޖަހާފައިހުރެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©