Fri, 5 June, 2020, 12:40 am
ޝަހީބް އިސްތިއުފާ ދެއްވައިފި
2

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ރައީސް މުހައްމަދު ޝަހީބު އެ ކޮމިޝަންގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފިއެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް ޝަހީބް އައްޔަން ކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭޕްރިލް 5، 2016 ގައެވެ. އަދި އޭނާވަނީ އެ ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވާ ރައީސް އޮފީހަށް މިއަދު ސިޓީ ފޮނުއްވާފައެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމުން ޝަހީބު އިސްތިއުފާ ދެއްވާފައި މިވަނީ، އޭނާ އާއި އެ ކޮމިޝަންގެ ނައިބު ރައީސާ ފާތިމަތު ޒޭނާ މަގާމުން ވަކި ކުރުމާމެދު ރައްޔިތުންގެ މަޖިލީހުން މިއަދު ގޮތެއް ނިންމަން އެޖެންޑާ ކޮށްފައި ވަނިކޮށެވެ.

ޝަހީބާއި ޒައިނާ ވަކިކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އާ ގަވާއިދު ފާސްކުރުމާއި ގުޅިގެން އެ ގަވާއިދުގެ ތެރެއިން ކުރިއަށް ގެންދިއުމުގެ ގޮތުން އެ މައްސަލަ އަލުން އަނބުރާ ކޮމިޓީއަށް ފޮނުވިއެވެ. އަދި މިދިޔަ މަހުގެ ތެރޭގައި އަލުން އެ މައްސަލަ ބަލާ، ޝަހީބާއި ޒައިނާ މަގާމުން ވަކިކުރަން ފެންނަ ކަމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހު ބްރޯޑްކޮމްގެ މެމްބަރުން ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކޮށް، މެމްބަރުން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބުދާރީވެފައެވެ.

އެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ޝަހީބު ވަނީ، އޭރުގެ ރައީސް އަބްދުﷲ ޔާމީނުގެ އެދިވަޑައިގަތުމުގެ މަތިން ރާއްޖެޓީވީ ބަންދުކުރުމަށް ކޮމިޝަނުގެ އޭރުގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެފައެވެ.

އެ ބައްދަލުވުމަށްފަހު އިސްމާއީލް ސޮފްވާން އާއި ހަސަން ނަބާހް ވަނީ ކޮމިޝަނުން އިސްތިއުފާ ދެއްވާފައެވެ. އެހެންކަމުން ކޮމިޝަންގައި މިހާރު ތިއްބަވާނީ މެންބަރު ޒީނާ ޒަހީރާއި މެންބަރު އައިމިނަތު ސަހާރަތު އިއްޒަތު އަދި މެންބަރު އަމްޖަދު ވަހީދެވެ.

Leave a comment

Your email address will not be published.