މުޙައްމަދު އިބްރާހިމް
09 October 2019
މަޤްބޫލު ޙަބަރު

ރާއްޖޭގެ މަޝްރޫއުތައް ހިންގަން ރާއްޖެއާއެކު އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން 1.5 ބިލިއަން ޑޮލަރުގެ ފްރޭމްވާކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ކުރުނބާ މޯލްޑިވްސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހާނީ ސަލީމް ސޮންބޮލްއެވެ.

މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގެ ދަށުން ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ ޕްރޮޕޯސަލް އައިޓީއެފްސީ އަށް ހުށަހެޅުމުން އެ ޕްރޮޖެކްޓަކަށް ފައިސާ ހަމަޖެހޭނެއެވެ. އަދި އަނބުރާ ދައްކާ ގޮތުގެ ތަފްސީލް ހިމަނާފައިވާނީ ހުށަހަޅާ ޕްރޮޕޯސަލްތަކުގައެވެ.

އެހެންކަމުން ޕްރޮޖެކްޓުތަކަށް ލިބޭ ލޯނު އަނބުރާ ދައްކަން ޖެހޭގޮތް ތަފާތު ވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އެއްބަސްވުމުގައި ސޮއުކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އައިޓީއެފްސީއާއެކު ސޮއިކުރި ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން ވިޔަފާރި އާއި އިގްތިސޯދު ކުރިއެރުވުމަށް ފަސް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި 1.5 ބިލިއަން ޑޮލަރުގެ މާލީ އެހީ ލިބުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ނަމަވެސް ފަސް އަހަރަށް ބަހާލައިގެން އަހަރަކު ދޫކުރުމަށް ހަމަޖެހިފައިވަނީ 300 މިލިއަން ޑޮލަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ، އައިޓީއެފްސީގެ ފަންޑާއެކު މިފްކޯ ތަރައްގީކޮށް، އެސްއެމްއީ ބޭންކް ނުވަތަ އެސްޑީއެފްސީ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި ފުުރުސަތުތަކެއް ހަމަޖެއްސުމަށް ވެސް ފަންޑުގެ ބޭނުން ކުރެވޭނެ ކަމަށެވެ.

އަދި މިއަދު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން، ޓޫރިޒަމާއި މަސްވެރިކަމާއި އަދި އިމްޕޯޓް އެކްސްޕޯޓް ތަރައްގީ ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދުވެލި އިތުރަށް އަވަސްވެގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©