Sat, 18 January, 2020, 1:34 pm
ޔާމީނަށް ހުކުމް ކުރުން އަންނަ މަހު 5 ގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ހުކުމް އިއްވުމުގެ އަންނަ މަހުގެ 5 ވަނަ ދުވަހަށް ތާވަލްކޮށްފިއެވެ.

އެކަން އިއުލާން ކުރެއްވީ މިއަދު ހުލާސާ ބަޔާން އިއްވަން ކުރިމިނަލް ކޯޓްގައި ބޭއްވި ޝަރީއަތުގެ އަޑުއެހުން ނިންމާލައްވަމުން، ކުރިމިނަލް ކޯޓްގެ އިސް ގާޒީ އަހުމަދު ހައިލަމްއެވެ. މިއަދު މެންދުރު 1:00 ގައި ފެށި އަޑު އެހުމުގައި ދައުލަތާއި ރައީސް ޔާމީންގެ ފަރާތުން ވަނީ ހުލާސާ ބަޔާން އިއްވައިފައެވެ.

އުސޫލުގައި އޮންނަ ގޮތުން، ހުލާސާ ބަޔާން ހުށަހެޅުމުން މައްސަލައިގެ އަޑުއެހުންތައް އެއްކޮށް ނިންމާލައި 30 ދުވަސް ތެރޭގައި ހުކުމް ކުރަން ޖެހޭނެއެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން ކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތުކުރާ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލާގައެވެ.

ދައުވާގައި ބުނެފައިވާ ގޮތުން، އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ ވަޑައިގަތުމަށްފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް، އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، ފައިސާގެ އަސްލު ޔާމީން ވަނީ އޮޅުވާލައިފައެވެ.

Leave a comment

Your email address will not be published.