މުޙައްމަދު އިބްރާހިމް
09 October 2019
މަޤްބޫލު ޙަބަރު

އަންނަ ހުކުރު ދުވަހުގެ ރޭ “އަންނަނީ” ނަމުގައިި އިދިކޮޅުން ބާއްވަން އުޅޭ ޖަލްސާ ބާއްވަން ހުއްދަ ނުދިނަސް ޖަލްސާ ބާއްވާނެ ކަމަށާއި ފުރުސަތު ދީފިއްޔާ ފިއްކަނޑައިގެންދާވަރުގެ މަންޒަރެއް ދައްކާނެ ކަމަށް އިދިކޮޅުން ބުނެފިއެވެ.

ޕީޕީއެމް/ ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން، ހުއްދަ ނުދިން ނަަމަވެސް އެއްވުން ބޭއްވޭ ތަންތަން ހުންނާނެ ކަމަށެވެ.

އެހެންކަމުން ރެލީ ބާއްވަން ކަނޑައެޅި ތާރީހުގައި ރެލީ އޮންނާނެ ކަމަށާއި  ހއޮންނާނެ ވަގުތަކާއި ތަނެއް ސަޕޯޓަރުންނަށް އަންގާނެ ކަމަށް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ އެއްވުން ބާއްވަނީ ވަކި ސިޔާސީ ފިކުރެއްގެ މީހުންނަށް ނޫން ކަމަށެވެ. އަދި ސަރުކާރާމެދު ހިތްހަމަނުޖެހުން އޮތް ކޮންމެ މީހަކު ވެސް ރެލީގައި ބައިވެރިވާން އެދިވަޑައިގަތެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބުު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ އިދިކޮޅުން ބާއްވަން އުޅޭ ރެލީ ބާއްވާނީ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށެވެ. އަދި ހުކުރު ދުވަހުގެ ރެލީއަކީ ވެސް ފުރިހަމަ ރެލީއަކަށް ވާނެ ކަމަށެވެ.

“މިނިވަންކަމާއެކު އަޅުގަނޑުމެންގެ ޝުއޫރު ފާޅުކޮށްލަން ފުރުސަތު މިފަހަރު ދެއްވައިފިއްޔާ، އަޅުގަނޑުމެން ބަލާނަން ސަރުކާރު ފިއްކަނޑައިގެންދާވަރުގެ މަންޒަރެއް ދައްކައި ލެވޭތޯ،” ޝުޖާއު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©