މުޙައްމަދު އިބްރާހިމް
09 October 2019
މަޤްބޫލު ޙަބަރު

ފެންވަރު ރަނގަޅު ހިދުމަތްތަކާއެކު ރާއްޖޭގެ ވައިގެ ދަތުރުފަތުރަށް ބޮޑެތި ބަދަލުތަކެއް ގެނައި، މަންޓާ އެއާގެ ސީޕްލޭން ދަތުރުތައް ފެށުމަށް އެ ކުންފުނިން ގެންނަ ފުރަތަމަ ސީޕްލޭން މިއަދު ރާއްޖެ ގެނެސްފިއެވެ.

ޑީއެސްޗީ-6 ޓުވިން އޮޓާ މަރުކާގެ މިބޯޓު ރާއްޖެއައީ ކެނެޑާއިން ފުރައިގެން ހަތް ތަނެއްގައި މަޑު ކުރުމަށްފަހު، 16،000 ކިލޯމީޓަރު ހުރަސްކޮށްފައެވެ.

މަންޓާ އެއާގެ ތާރީހީ މި ބޯޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސުމާއެކު ވަނީ ވޯޓާ ސެލިއުޓެއް ދީފައެވެ. މި ރަސްމިއްޔާތުގައި މަންޓާގެ އިސްވެރިންނާއި ވަރަށް ގިނަ މުވައްޒަފުން ބައިވެރިވިއެވެ.

މިއީ އަންނަ މަހު މަންޓާ އެއާއިން ފެށުމަށް ތައްޔާރުވަމުން އަންނަ ސީޕްލޭން ދަތުރުތަކުގައި ބޭނުންކުރާ 10 ސީޕްލޭންގެ ތެރެއިން މިމަހު ރާއްޖެ ގެންނަ ފުރަތަމަ ސީޕްލޭނެވެ. ދެވަނަ ސީޕްލޭން މާދަމާ ރާއްޖެ ގެނެވޭނެއެވެ.

މަންޓާ އެއާގެ ޗީފް މާކެޓިން އޮފިސަރު އަހުމަދު މައުމޫން ވިދާޅުވީ، އެކުންފުނީގެ ސީޕްލޭން އޮޕަރޭޝަން ފަށާނީ ތަފާތު ހިދުމަތްތަކަކާއެކު ކަމަށެވެ. އެގޮތުން މީހުންނަށް އިތުބާރު ކުރެވޭ ހިދުމަތެއް ދިނުމަށް، ދުރާލާ ޓިކެޓް ބުކް ކޮށް، ޖާގަ ކަށަވަރު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ.

“ފިކްސްޑް ޝެޑިއުލް އަކަށް އެޑްވާންސް ބުކިންއާ އެއްކޮށް މަންޓާގެ ސީޕްލޭންގެ ހިދުމަތް ފޯރުކޮށްދިނުމަކީ، އަޅުގަނޑު ހިތުން މިވަގުތު ސީޕްލޭންގެ ހިދުމަތް ހޯދާ ހުރިހާ ފަރާތްތައް ވެސް ދެކެމުން އަންނަ ދުވަހެއްހެން. މަންޓާ އެ ހިދުމަތް ފެށީމަ އަޅުގަނޑުމެންނާ ބައިވެރިވާނެ ވަރަށް ގިނަ ޕާޓްނަރުން އަންނާނެ ކަމަށް މިބަލަނީ،” މައުމޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިމަސް ނިމުމުގެ ކުރިން އިތުރު ތިން ސީޕްލޭނާއި އަންނަ ނޮވެމްބަރު އަދި ޑިސެމްބަރު މަހު އިތުރު ސީޕްލޭންތަކެއް ރާއްޖެ ގެނެވޭނެ ކަމަށެވެ.

އަދި މި ބޯޓުތަކާއެކު މަންޓާގެ ސީޕްލޭން ދަތުރުތައް ފުރަތަމަ ފަށާނީ މިހާރު އެ ކުންފުނީގެ ފްލައިޓުތައް އޮޕަރޭޓްކުރާ ސަރަހައްދުތަކުގައި ހުރި ރިސޯޓްތަކަށް ކަމަށާއި ނަމަވެސް މަންޓާ އެއާގެ ސީޕްލޭންގެ ހިދުމަތް ބޭނުންވާ ހުރިހާ ފަރާތްތަކަށް ދަތުރުތައް ފެށުމަށް އޮތީ ތައްޔާރަށް ކަމަށް މައުމޫން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މަންޓާގެ ހިދުމަތްތައް އަވަހަށް ފެށުމަށްޓަކާ އަމިއްލަ ޑޮކް ސިސްޓަމެއް ގާއިމްކޮށްފައިވާ ކަމަށެވެ. ނަމަވެސް އާ ސީޕްލޭން ޓާމިނަލުން ޖާގަ ހޯދުމަށް އެމްއޭސީއެލްއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މަންޓާ އެއާއިން ބުނީ، އެ ކުންފުނީގެ ސީޕްލޭންގައި ބޭނުންކުރާ ޑީއެސްސީ- 6 ޓުވިން އޮޓާސްއަކީ އެންމެފަހުގެ ޓެކްނޮލޮޖީ އާއި މޫސުމީ ރާޑަރެއް ވެސް ހިމެނޭ އެއާކުރާފްޓްތަކެއް ކަމަށެވެ.

ފަސިންޖަރުންނާ ގާތް ގުޅުމެއް ބާއްވައި މަންޓާ ފްލީޓުގައި އެންމެ ފަހުގެ އޭޓީއާރު 600-72 މަރުކާގެ މުޅިން އާ ތިން ބޯޓު އޮންނައިރު، އެ އެއާލައިނުން މިވަގުތު ދަތުރުކުރަނީ ދެ މަންޒިލަކަށެވެ. އެއީ، ދ. ކުޑަހުވަދޫ އަށާއި ބ. ދަރަވަންދޫ އަށެވެ.

ނަމަވެސް، ކައިރި މުސްތަގުބަލެއްގައި އިތުރު ބޯޓެއް ގެނެސް، އިތުރު މަންޒިލްތަކަށް ދަތުރު ފެށުމަށް އެ އެއާލައިނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©