މުޙައްމަދު އިބްރާހިމް
09 October 2019
މަޤްބޫލު ޙަބަރު

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި މާތް ﷲގެ އިސްމުފުޅަށާއި ކީރިތި ތަސޫލާއަށް ނިސްބަތްކޮށް ބައެއް ބަސްތައް ގެނެސްފައިވަނީ ރަނގަޅަށް ނޫން ކަމަށާއި ނަމަވެސް އެއީ އިސްލާމްދީނަށް ނަފްރަތު ކުރުމަށް އެދޭތީ އެ މާނައިގައި ކުރި ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޝެއިހް ހުސެއިން ރަޝީދު ލިޔުއްވާފައިވާ ޝަހީހް މުސްލިމްގެ ދިވެހި ތަރުޖަމާ އިފްތިތާހް ކުރުމަށް މިރޭ ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، އެމްޑީއެންގެ ރިޕޯޓް އެމަނިކުފާނު ވިދާޅުވިން ކަމަށެވެ.

އަދި އެ ރިޕޯޓްގައި މާތްﷲ އާއި ކީރިތި ރަސޫލާ صلى الله عليه وسلم  ގެ އިސްމަފުޅުގެ އިތުރުން ދީނީ ވާހަކަތައް ގެނައުމުގައި ބޭނުންކުރި ބަސްތައް ބޭނުންކުރި ބައްތައް ރަނގަޅު ނޫން ކަމަށެވެ. އަދި ރިޕޯޓެއް ލިޔާއިރު އެއީ ހުންނަންޖެހޭ ހަމަތައް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ނަމަވެސް އެމްޑީއެންގެ ރިޕޯޓް ލިޔުނު މީހުން ނުރަނގަޅު ގޮތުގައި ބަސްތައް ބޭނުންކޮށްފައިވަނީ، އިސްލާމްދީން ބަލިކަށި ކުރުމުގެ މާނައިގައި ކަމަކަށް އެ ރިޕޯޓް ކިޔައިގެން ނުފެނުނު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“މާތް ﷲ އާއި ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ލިޔަންޖެހޭ ގޮތްތައް ނުފެހެއްޓޭ ސަބަބުތަކެއް ވެސް ވާނެ. އަޅުގަނޑެއް ނުދެކެން އެއީ އެއްވެސް ހާލެއްގައި އިސްލާމްދީނަށް ނަފްރަތު ކުރުމަށް، ބަލިކަށި ކުރުމަށް އެދޭތީ ކަމަކަށް. އަޅުގަނޑުމެންގެ ކުދިންނެއް ވެސް އަދި ރިޕޯޓް ލިޔުނު ކުދިން ވެސް އެއްވެސް ހާލަތެއްގައި އެ ބަސްތައް ބޭނުންކޮށްފައި އެވަނީ އެ މާނައިގައި ކަމަކަށް އެ ރިޕޯޓް ކިޔައިގެން އަޅުގަނޑަކަށް ނުފެނުނު،” ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެ ރިޕޯޓުގައި އެފަދަ ބަސްތަކެއް ހުރީ އިނގިރޭސި ބަހުން އެއްޗެއް ލިޔަން ވެގެން އުޅެގެން ވެފައިހުރި ގޮތެއް ކަމަށެވެ.

އަދި ބައެއް ޔުނިވާސިޓީތަކުގައި ގިނަ ދުވަހު ކިޔެވުމަށްފަހު، ރާއްޖޭގެ މާހައުލާއި ރާއްޖޭގެ އިލްމުވެރިން ނެރޭ ފޮތްތަކާއި އިސްލާމްދީނާއި ގުޅިގެން ދުނިޔޭގައި ނެރޭ ފޮތްތަކަށް އަހުލުވެރި ނުވެ މުޖުތަމައުގައި ހުރި ބޮޑު މައްސަލައަކަށް ރިޕޯޓެއް ހެދުމަކީ އެފަދަ މައްސަލަތައް ނުކުތުން އެކަށީގެންވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©