.
21 October 2019
މަޤްބޫލު ޙަބަރު

ރާއްޖޭގެ ޚާރިޖީ ވަޒީރު، ޢަބްދުﷲ ޝާހިދު، ޖަޕާނުގެ ޚާރިޖީ ވަޒީރު، މޮޓޭގީ ޓޮޝިމިޓްސު އާ ބައްދަލުކުރައްވައި ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިވެ.

ޖަޕާނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ޖަޕާނުގެ ތަޚުތަށް އައު އެމްޕެރަރ އިސްކުރެއްވުމުގެ މުނާސަބަތާގުޅިގެން މަރުޙަބާ ދަންނަވައި ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި މިނިސްޓަރ މޮޓެގީ، ޖަޕާނުގެ ފޮރިން މިނިސްޓަރުކަމަށް އައްޔަންކުރެއްވިކަން ފާހަގަކުރައްވައި، އެމަނިކުފާނަށްވެސް މަރުޙަބާ ވިދާޅުވެފައެވެ. އަދި މިދަނޑިވަޅުގައި ޖަޕާނަށް ބާރުގަދަ ތޫފަނެއް އަރައި، ލިބުނު ގެއްލުންތަކާ ގުޅިގެން ހިތާމަފާޅުކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ރައްދުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޖަޕާނާއި ރާއްޖޭގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުމާގުޅޭގޮތުންނާއި، ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާއީ ތަރައްޤީގައި ދެޤައުމުގެ ގުޅުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ހަމައެހެންމެ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި، ދެޤައުމުގެ ގުޅުން އިތުރުކުރުމާގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދުވަނީ ޒަމާނުއްސުރެ ޖަޕާނުން ދިވެހިރާއްޖޭގެ ތަރައްޤީއަށް، ޚާއްސަކޮށް މަސްވެރިކަމާއި ތިމާވެށްޓާއި ތަޢުލީމީ ދާއިރާ ތަރައްޤީކުރުމަށާއި ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ވެދެއްވާފައިވާ އެހީ ފާހަގަކުރައްވައި ޖަޕާނަށް ޝުކުރު އަދާކުރެއްވިއެވެ.

މިނިސްޓަރ ޢަބްދުﷲ ޝާހިދު ޖަޕާނަށް ވަޑައިގެންނެވީ، ޖަޕާން ސަރުކާރުގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް ޖަފާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައެވެ.

Leave a Reply

Your email address will not be published.

haftha.mv ©