Sun, 23 February, 2020, 3:03 am
ކުޑަކުދިންގެ ހިޔާ އާއި ފިޔަވައްޗަށް މޯލްޑިވް ގޭސް ހިލޭ ފޯރުކޮށްދޭން ނިންމައިފި

ޖެންޑާ މިނިސްޓްރީގެ ދަށުން ވިލިމާލޭގައި ހިންގާ ކުޑަކުދިންގެ ހިޔާ އާއި ހުޅުމާލެގައި ހިންގާ ފިޔަވައްޗަށް ހިލޭ ގޭސް ފޯރުކޮށްދިނުމަށް މޯލްޑިވް ގޭހުން ނިންމައިފިއެވެ.

އެކަމާ ގުޅޭ އެއްބަސްވުމުގައި މޯލްޑިވް ގޭހާއި ޖެންޑާ މިނިސްޓްރީން މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެއްބަސްވުމުގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޝިދާތާ ޝަރީފެވެ. މޯލްޑިވް ގޭހުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމެވެ.

ހިލޭ ގޯސް ފޯރުކޮށްދިނުމުގެ އިތުރުން މޯލްޑިވް ގޭހުން ވަނީ ކުޑަކުދިންގެ ހިޔާ އާއި ފިޔަވައްޗަށް 10،000 ރުފިޔާގެ އަގުހުރި ތަކެތި ހަދިޔާކޮށްފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު ޝިދާތާ ވިދާޅުވީ، ދައުލަތުން ކުދިން ބަލަހައްޓަނީ ވަރަށް ބޮޑު ހަރަދަކާއި ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު ކަމަށެވެ. އަދި އެކުދިންނަށް ދޭންޖެހޭ ރައްކާތެރިކަމާއި ދިރިއުޅުމަށް ގެންނަންޖެހޭ މުހިންމު ތަރައްގީ އާއި ކުރިއެރުންތައް ހޯދައިދިނުމަށް އަދިވެސް ގިނަ ބައެއްގެ އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

އަދި މޯލްޑިވް ގޭހާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް ޖެންޑާ މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Leave a comment

Your email address will not be published.