މުޙައްމަދު އިބްރާހިމް
21 October 2019
މަޤްބޫލު ޙަބަރު

އާންމު މަސްލަހަތު ނުގެއްލޭ ގޮތަށް ހިޔާލު ފާޅުކުރުމުގެ ފާޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.

ޖަޕާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަމާއި ހައްގުތައް ވެސް ކަނޑައެޅި އޮންނަނީ، އެބައެއްގެ މެދުގައި ސުލްހަވެރިކަމާއި ހަމަޖެހުން ގާއިމްކުރުމުގެ މައްޗަށް ކަމަށެވެ.

އެހެންކަމުން އާންމު މަސްލަހަތު ނުގެއްލޭ ގޮތަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ހިފުމަށް ވެސް ރައީސް އިލްތިމާސް ކުރެއްވިއެވެ.

އެގޮތުން ރާއްޖެއިން ބޭރުގައި ދިރިއުޅުނު ނަމަވެސް ކޮންމެ ފަރާތަކުން ވެސް އެކަންކަން ހަނދާނުގައި ބަހައްޓައި ކުދިން ތަރުބިއްޔަތު ކުރުމުގައި ވެސް އެކަންކަމަށް އިސްކަންދިނުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ބޭރު ގައުމުތަކަށް ކުރައްވާ ދަތުރުފުޅު ތަކުގެ އެންމެ މުހިންމު ބޭނުންފުޅަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ތަފާތު ދާއިރާތަކުން އެހީތެރިކަން ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް އެގައުމުތަކުން ރަނގަޅު ފެންވަރުގެ ހިދުމަތްތަކެއް ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަށެވެ.

ޖަޕާނުން ރާއްޖޭގެ ތަރައްގީއަށް ވެދޭ ދީލަތި އެހީތެރިކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވާ ރައީސް ވިދާޅުވީ، ރާއްޖޭގެ ތައުލީމީ ދާއިރާއަށައި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ފޫބެއްދުމަށް، ޖަޕާނުގެ ވަރަށް ގިނަ އެހީތަކެއް މިހާރު ވެސް ލިބެމުންދާ ކަމަށެވެ.

އެހެންކަމުން ޖަޕާނާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ބަދަހިގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކަމާއެކު ކުރިއަށްގެންދިއުމުގައި އެގައުމުގައި ދިރިއުޅޭ ދިވެހިންގެ ދައުރު ބޮޑުކަން ރައީސް ފާހަގަކުރެއްވިއެވެ.

އަދި ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އެއް ބޭނުންފުޅަކީ ވެސް ދެ ގައުމުގެ ދެމެދުގައި އޮތް ރަހްމަތްތެރިކަމުގެ ގުޅުން އާލާކޮށް، ކުރިއެރުވުންކަމުގައި ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©