މުޙައްމަދު އިބްރާހިމް
21 October 2019
މަޤްބޫލު ޙަބަރު

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އާ ދެކޮޅަށް ރ. އަނގޮޅިތީމުގައި ކުރި މުޒާހަރާގައި އެ ޖަމިއްޔާގެ އިސްވެރިން މެރުމަށް ގޮވި މައްސަލާގައި، އެކަންކުރި މީހުން ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު މީޑިއާތަކަށް ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގެު ބޭނުމަށް ބަޔަކަށް ޗިޓު ކިޔާފައިވާނެ ކަމަށެވެ. ނަމަވެސް ޗިޓް ފޮނުވީ ކިތައް މީހުންނަށް ކަމެއް އަދި ހާޒިރުވާން އެންގީ ކޮން ދުވަހަކު ކަމެއް ވިދާޅެއް ނުވެއެވެ.

އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓުގެ މައްސަލާގައި ކައުންސިލްތަކުންނާއި ވަކިވަކި ޖަމިއްޔާތަކުން ދަނީ އެކަން ކުށްވެރިކޮށް ބަޔާން ނެރެމުންނެވެ. އަދި ސޯޝަލް މީޑިއާގައި އެ ޖަމިއްޔާ އުވާލަން ގޮވަމުންދާއިރު، ބައެއް ރަށްރަށުގައި ވެސް އެކަމާ ދެކޮޅަށް މުޒާހަރާތައް ވެސް ބާއްވައިފައެވެ.

އެގޮތުން މިދިޔަ ހަފްތާ ބަންދުގައި އެމްޑީއެންއާ ދެކޮޅަށް ރ. އަނގޮޅިތީމުގައިކުރި މުޒާހަރާގައި އެމްޑީއެންގެ ވެރިން މެރުމަށާއި އަންދާލުމަށް ގޮވާލާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވިއެވެ.

ނަމަވެސް އެރަށު ކައުންސިލުގެ ރައީސް ގާސިމް ހުސެއިން މީޑިއާތަކަށް ވިދާޅުވީ، އެއީ އެފަދަ ވިސްނުމެއްގައި ކުރި ކަމެއް ނޫން ކަމަށާއި މީހުން މެރުމަށް ގޮވާލީ ރައްޔިތުންގެ މެދުގައި އޮތް ނުރުހުން ސަރުކާރަށް ބަޔާންކުރުމުގެ ގޮތުން ކަމަށް އެކަމަށް ގޮވި މީހުން ބުނި ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުންދާއިރު، ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެމްޑީއެންގެ ރިޕޯޓުގެ މައްސަލަގެ ބޭނުން ނަހަމަ ގޮތުގައި ބަޔަކު މީހުން ބޭނުންކުރަމުންދާ ކަމަށެވެ.

އެގޮތުން ދީން ހިމާޔަތްކުރުމުގެ ނަމުގައި ނަފުރަތާއި ބައިބައިވުމާއި ރުޅިވެރިކަން އުފެދޭ ފަދަ ވާހަކަ ފެތުރުމާއި، ބައެއް ކަންކަމުގައި ދީނުގެ މަންހަޖަކީ ރުޅިވެރިކަމާއި ދެކޮޅުވެރިވުންކަން ދައްކައި، ފިތުނަވެރި އަމަލުތަކަށް ހިތްވަރު ލިބޭގޮތަށް ބަޔަކު މީހުން އަމަލުކުރަމުން ދާތީ ކަންބޮޑުވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©