Sun, 29 March, 2020, 1:24 pm
ސީޝެލްސްގެ އެންމެ ބޮޑު ސަގާފީ ހަރަކާތުގައި ރާއްޖެ ތަމްސީލްކުރަން ބިދަބިން

ސީޝެލްސްގައި ބާއްވާ އެގައުމުގެ އެންމެ ބޮޑު އަދި އެންމެ މުހިންމު ސަގާފީ ހަރަކާތް، “ކްރިއޯލް ފެސްޓިވަލް” ގައި ރާއްޖެ ތަމްސީލް ކުރުމަށް ބޮޑުބެރުގައި ރާއްޖޭގައި ނަން މަޝްހޫރު ބިދަބިން ބޮޑުބެރު ގުރޫޕް ސީޝެލްސްއަށް ފުރައިފިއެވެ.

މިމަހުގެ 25 އިން 31 އަށް ސީޝެލްސްގެ މަހެ އައިލެންޑްސްގައި ބާއްވާ ކްރިއޯލް ފެސްޓިވަލަކީ ކްރިއޯލްގެ ސަގާފަތާއި އާދަކާދަތައް ދިރިވުމަށް ސީޝެލްސްގެ ސަގާފީ ކަލަންޑަރުގައި ހިމެނޭ އެންމެ މުހިންމު ހަރަކާތެވެ.

މީގެ 33 އަހަރު ކުރިން، ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި ހަރަކާތުގައި ކްރިއޯލްގެ އާޓިސްޓުންގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުގެ ސަގާފީ ހަރަކާތްތައް ދައްކާލާނެއެވެ.

މި ފެސްޓިވަލުގައި ރާއްޖެ ތަމްސީލް ކުރުމަށް ބިދަބިންގެ 12 މެމްބަރުންގެ ޓީމެއް ސީޝެލްސްއަށް ފުރީ އިއްޔެއެވެ. އަދި މިއީ މި ފެސްޓިވަލުގައި ރާއްޖެއިން ބައިވެރިވާ ފުރަތަމަ އަހަރެވެ.

ބިދަބިން ބޮޑުބެރު ގުރޫޕްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާސިމް (އާއްކޮ) ބުނި ގޮތުގައި، މި ފެސްޓިވަލްގައި ބިދަބިން އިން މުޅިންވެސް ހުށަހަޅާނީ ސަގާފީ އައިޓަމްތަކެވެ. އެގޮތުން ތަފާތު ކޮންސެޕްޓަކަށް ދިވެހިންގެ ސަގާފަތް ސީޝެލްސްގައި ދައްކުވައިދޭނެ ކަމަށް އާއްކޮ ބުންޏެވެ.

ކްރިއޯލް ފެސްޓިވަލްގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށް ލިބުނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ އޮގަސްޓްމަހު ސީޝެލްސްއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

Leave a comment

Your email address will not be published.