Fri, 29 May, 2020, 5:46 pm
ގަލްފް އެއާގެ ދަތުރުތައް ރާއްޖެއަށް، ހަފްތާއަކު ފަސް ދަތުރު ކުރާނެ
2

ބަހްރެއިންގެ ގައުމީ އެއާލައިން، ގަލްފް އެއާގެ ދަތުރުތައް މިއަދު ރާއްޖެއަށް ފަށައިފިއެވެ.

ގަލްފް އެއާގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖެއްސީ މިއަދު ހެނދުނެވެ.

އެ ފްލައިޓަށް މަރުހަބާ ކިއުމުގެ ގޮތުން އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ގަލްފް އެއާގެ ފްލައިޓް ކުރޫންނަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިސްވެރިން ވަނީ މަރުހަބާ ވިދާޅުވެފައެވެ.

އެމްއޭސީއެލުން މައުލޫމާތުދޭ ގޮތުގައި، ގަލްފް އެއާ އިން ހަފްތާއަކު ފަސް ދަތުރު ސީދާ ރާއްޖެއަށް ކުރާނެއެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ، ގަލްފް އެއާ އިން މުޅިން އަލަށް ގެނައި އެއާބަސް އޭ320 ނިއޯ މަރުކާގެ ބޯޓެކެވެ.

ގަލްފް އެއާގެ ދަތުރުތައް މި އަހަރުގެ ތެރޭގައި ރާއްޖެއަށް ފެށުމަށް ނިންމާފައިވާކަން މިދިޔަ ޖޫން މަހު ރާއްޖޭގައި ބޭއްވި މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމްގައިވަނީ އިއުލާނުކޮށްފައެވެ.

އެކަން އިއުލާނު ކުރެއްވީ، ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ބަހްރެއިންގެ ސަފީރު އަބްދުއްރަހުމާން މުހައްމަދު އަލް ގައުދެވެ.

މީގެ 69 އަހަރު ކުރިން އުފެއްދި ގަލްފް އެއާ އަކީ ދުނިޔޭގެ 28 ގައުމެއްގެ 50 މަންޒިލަކަށް އުދުހޭ އެއާލައިނެކެވެ. އަދި އެ އެއާލައިނުން 36 މަތިންދާބޯޓެއް އޮޕަރޭޓް ކުރެއެވެ.

މެދުއިރުމަތީގެ މައި އެއާލައިންތަކުގެ ތެރޭގައި ހިމެނޭ ގަލްފް އެއާގެ ދަތުރުތައް ރާއްޖެއަށް ފެށިއިރު، މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

އެގޮތުން މިދިޔަ އަހަރު 53،000 ޓޫރިސްޓުން މެދުއިރުމަތިން ރާއްޖެ ޒިޔާރަތްކުރިއިރު، މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެބައްރުގެ ގައުމުތަކުން 42,774 ޓޫރިސްޓުން ރާއްޖެ އައިސްފައިވެއެވެ.

Leave a comment

Your email address will not be published.