.
28 October 2019
މަޤްބޫލު ޙަބަރު

އިންކަމް ޓެކްސް ނެގުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ އެމްޑީޕީން ވައުދުވި ގޮތާއި ހިލާފަށް ހުށަހަޅާފައިވާ ބިލެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ މެންބަރުން ކަންބޮޑުވުންފާޅުކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި ޓެކްސް ނެގުމުގެ ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރަން ފަށާފައިވާއިރު އެމްޑީޕީގެ ގިނަ މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އާމްދަނީ އިން ޓެކްސް ނަގަން ފަށާ އަދަދަކީ 40،000 ރުފިޔާ ކަމަށް ބިލުގައި ބަޔާންކޮށްފައި އޮތުމެވެ.

ސަރުކާރުން ހުށަހަޅާފައިވާ ޓެކްސް ބްރެކެޓްސް

އާމްދަނީ 40،000 – 0 ލިބޭ ފަރާތްތައް – ޓެކްސް ނުނަގާނެ
އާމްދަނީ 60،000 – 40،000 ލިބޭ ފަރާތްތައް – ޓެކުހުގެ ގޮތުގައި ނަގާނީ އާމްދަނީގެ އަށް ޕަސެންޓް
އާމްދަނީ 100،000 – 60،000 ލިބޭ ފަރާތްތައް – ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭނީ އާމްދަނީގެ 10 ޕަސެންޓް
100،000 އަށްވުރެ ގިނައިން އާމްދަނީ ލިބޭ ފަރާތްތައް – ޓެކުހުގެ ގޮތުގައި ދައްކަންޖެހޭނީ އާމްދަނީގެ 15 ޕަސެންޓް

ބިލަށް ބަހުސް ކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވީ އިންކަމް ޓެކްސް ނަގަން ފަށާނީ 40،000 ރުފިޔާ އިން މަތީގެ އާމްދަނީއެއް ލިބޭ ފަރާތްތަކުގެ އަތުން އަށް ޕަސެންޓު ކަމަށް ބިލުގައި ބަޔާންކޮށްފައި އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެއީ އެމްޑީޕީން ރައްޔިތުންނަށް ވި ވައުދާ ހިލާފު ކަމެއް ކަމަށް ވެސް މީކާއީލް ވިދާޅުވި އެވެ.

ހެންވޭރު ދެކުނުދާއިރާގެ މެންބަރު ހުސެން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ އެމްޑީޕީން ވައުދުވީ 60،000 ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ މީހުންގެ އަތުން ޓެކްސް ނެގުމަށް ކަމަށެވެ. އަދި އެއަށްވުރެ އިތުރުވާ ކަމަށްވާނަމަ އިތުރުވާ އެއްޗަކުން 3.5 ޕަސެންޓު ނެގުމަކީ އެޕާޓީން ރައްޔިތުންގާތު ވައުދުވި ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އޭނާ ވަނީ ކޮމެޓީ މަރުހަލާގައި އެކަމަށް ރަނގަޅު ހެޔޮ ބަދަލެއް ގެނެސް ދިނުމަށް އެދިލައްވާފައެވެ.

ހަމައެއާއެކު ބިލުގައި ޑިވިޑެންޓުން ޓެކްސް ނެގުމަށް ބަޔާންކޮށްފައި އޮތުމުންެސް އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އޭނާ ވިދާޅުވީ ޓެކްސް ނެގުމަކީ ގައުމުގައި ތިބި ވިޔަފާރިވެރިން ދަރަނިވެރި ކުރުވުން ނޫން ކަމަށެވެ. އަދި އެމީހުންގެ ގެދޮރާއި ބިންތައް ވިއްކާ ހިސާބަށްވެސް ދިއުން ނޫން ކަމަށެވެ.
އެހެންވިމާ އަޅުގަނޑު ބާރުލާފައި ދަަންނަވަން ޑިވިޑެންޓުން ޓެކްސް ނެގުމަކީ މިހާރަށް ކުރަންވާވަރު ކަމެއް ނޫނޭ ޑިވިޑެންޑަކީ ޓެކްސް ދައްކާފައި ކުންފުނިންދޭ އެއްޗެއް،” އަނދުން ހުސެން ވިދާޅުވިއެވެ.

ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެން މުހައްމަދު ދީދީ ވެސް ވިދާޅުވީ ބިލަކީ އެމްޑީޕީން ވައުދުވި ގޮތާއި ހިލާފު ބިލެއް ކަމަށެވެ. އަދި ބިލުގައި 40،000ރުފިޔާއިން މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކްސް ނެގުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އޭނާވެސް ވަނީ ކޮމެޓީ މަރުހަލާގައި ރަނގަޅަށް ބިލު ދިރާސާ ކުރުމަށް އެދިފައެވެ.

އިންކަމް ޓެކްސްގެ ބިލު މަޖިލީހަށް ހުށަހަޅާފައިވާއިރު އެ ޓެކްސް ނެގުމަށް ސަރުކާރުން ހުށަހެޅީ 40،000 އަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުންނެވެ. އެގޮތުން އެ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސްގެެ ގޮތުގައި 8 ޕަސެންޓު ނެގުމަށް ވަނީ ހުށަހަޅާފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©