.
28 October 2019
މަޤްބޫލު ޙަބަރު

ރިޔާސީ އިންތިޚާބުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤް ކުރައްވައިފިއެވެ.

ޤާނޫނު ނަމްބު 12/2008 (ރިޔާސީ އިންތިޚާބުގެ ޤާނޫން) އަށް ގެނައި މި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސް ކުރައްވާފައިވަނީ މިމަހުގެ 16 ވީ ބުދަ ދުވަހު ބޭއްވެވި އެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 54 ވަނަ ޖަލްސާއިންނެވެ. ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ހުށަހެޅި 3 ވަނަ އިޞްލާޙުގައި ވަނީ އެ ޤާނޫނޫގެ 7 ވަނަ މާއްދާގެ (ނ) އުނިކުރުމަށެވެ.

ޤާނޫނޫގެ 7 ވަނަ މާއްދާއިން އުނިކުރި (ނ) ގައި ވަނީ، ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ހ) ގައި އެމީހަކީ، ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރު ޤައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން ކަނޑައަޅާފައިވާކަމަށްޓަކައި، ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ޤައުމެއްގެ ރައްޔިތަކު ކަމުގައިވެފައިވާނަމަ، ނުވަތަ ބޭރު ޤައުމެއްގެ ނުވަތަ ޙިމާޔަތް ނުވަތަ ރައްކާތެރިކަން ހޯދާފައިވާނަމަ އެފަދަ މީހަކަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލެވޭނީ އެމީހަކު ބޭރު ރައްޔިތުކަން ނުވަތަ ބޭރު ޤައުމެއްގެ ޙިމާޔަތް ނުވަތަ ރައްކާތެރިކަން ދޫކޮށްލިތާ މަދުވެގެން 10 (ދިހައެއް) އަހަރު ފަހުންކަމުގައެވެ. ރިޔާސީ އިންތިޚާބުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤް ކުރެއްވުމާއެކު ޤާނޫނުން މި އަކުރު އުނިވެގެންދިޔައީއެވެ.

މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©