މުޙައްމަދު އިބްރާހިމް
28 October 2019
މަޤްބޫލު ޙަބަރު

އިސްލާމް ދީނަށް ފުރައްސާރަ ކުުރުމާއި ދީނުގެ ނަމުގައި ހައްދުފަހަނަ އަޅާ ދިއުންފަދަ ނުރައްކާތެރި ކަންކަމުން އަރައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ސަރުކާރަށް އެއްބާރުލުން ދެއްވުމަށް ރައްޔިތުންނަށް ހޯމް މިނިސްޓަރު އިމްްރާން އަބްދުﷲ އިލްތިމާސް ކުރައްވައިފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ގައުމީ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ވަތަންދެކެ ލޯބިވުމަކީ ގައުމަށް އުފަންވާ ޒިންމާދާރު ކޮންމެ ރައްޔިތެއްގެ ވާޖިބެއް ކަމަށެވެ.

އަދި އުފަންވެ ހެދިބޮޑުވާ ވަތަޒަނުގެ ކަރާމަތާއި އިސްތިގުލާލާއި މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެމީހެއްގެ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާކުރުމަކީ ގައުމުގެ ކޮންމެ ދަރިއެއްގެ ޒިންމާއެއް ކަމަށެވެ.

ނަމަވެސް ބަނަވެފައިވާ މި ދުނިޔޭގައި މިއަދު ކުރިމަތިލާން ޖެހިފައިވަނީ ކުރިން ކުރިމަތިވި ކަންތައްތަކާ ނޫން ކަމުން، މިއަދު އެކަންކަމުން އަރައިގަނެ ގައުމިއްޔަތު ހިމާޔަތްކޮށް ގައުމުގެ މުސްތަގްބަލު އާރާސްތުކުރުމަށްޓަކައި އެކަންކަމާ ކުރިމަތިލާން ޖެހޭނީ މިއަދުގެ ވިސްނުމާއި ފިކުރާއި ޒިންމާގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.

“އިސްލާމްދީނަށް ކުޑައިމިސް ބަސް ރައްދު ކުރުމާއި ދީނާމެދުގައި ޒުވާނުންގެ ހިތުގައި ޝައްކު އުފެދޭފަދަ ވާހަކަ ދެއްކުމާއި ދީނުގެ ނަމުގައި ހައްދުފަހަނަ އަޅާފައިވާ ހަރުކަށި އަނިޔާވެރި އަމަލުތައް ހިންގުމަކީ ދިވެހި ގައުމިއްޔަތު ދިރުވުމަށްޓަކާ ފަރުވާ ކުރަންޖެހިފައިވާ މައްސަލައެއް،” އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ހިކުމަތްތެރި ވިސްނުންފުޅާއި އިސްކުރައްވާ ގޮތްތަކަކީ ގައުމަށް ދިމާވެފައިވާ ނުރައްކާތެރި ކަންތައްތަކުން ދިވެހިރާއްޖެ ސަލާމަތްކުރުމުގައި މުހިންމު ސިފަފުޅު ތަކެކެވެ.

އެހެންކަމުން ގައުމަށް ދިމާވެފައިވާ ނުރައްކާތެރި ކަންކަމުން އަރައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރަށް އެއްބާރުލުން ދީގެން ދިވެހި ހުރިހާ ރައްޔިތުން ގައުމުގެ އެކުވެރިކަމާއި އެއްބައިވަންތަކުމުގެ ތެރެއިން ހުރިހާ ރައްޔިތުންނަށް އިމްރާން އިލްތިމާސް ކުރެއްވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©