މުޙައްމަދު އިބްރާހިމް
28 October 2019
މަޤްބޫލު ޙަބަރު

ދިވެހި ދައުލަތުގެ ދެވަނަ އަށް އެންމެ މަތީ އިއްޒަތް، ދިވެހި ދައުލަތުގެ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު އަހްމަދު އާދަމާއި އަބްދުﷲ ޟާދިގު (ސޯދުބެ) އަށް އަރުވައިފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ގައުމީ ދުވަހުގެ ޖަލްސާގައި ދޮންބަންޑާރައިންނަށް ނިސްބަތްވެވަޑައިގަންނަވާ، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު، އެ ދެބޭފުޅުންނަށް އެރުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު ލިބިވަޑައިގެންނެވި ހ. އާމުލީގެ، އަބްދުﷲ ޞާދިގު (ސޯދުބެ) އަކީ އަދަބިއްޔާތުގެ ފަންނުން ހާއްސަ، ބަހުގެ އަދީބެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

އެގޮތުން އެންމެ އަށް އަހަރުގައި ޅެންވެރިކަމަށް ނުކުމެވަޑައިގެން ސޯދުބެ ވަނީ ފާހަގަކޮށްލެވޭ ޅެންތަކަކާއި ލަވަތަކަކާއި ރައިވަރު އަދި ބަނދިތަކެއް ވެސް ހައްދަވައިފައެވެ.

އަދި ތާރީހީ ގިނަ ހޯދުންތަކެއް ހޯއްދަވައި، އެކަމާ ގުޅޭ ލިޔުންތައް ވެސް ލިޔުއްވާފައިވާ ސޯދުބެ އަކީ ތައުލީމީ ދާއިރާގައި ވެސް މަސައްކަތް ކުރެއްވި އަދި އެތައް މުދައްރިސުންތަކެއްގެ މުދައްރިސެކެވެ.

ސަރުކާރަށް 55 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ސޯދިބެ މިހާރު ވެސް އަދަބިއްޔާތަށް ދަނީ ހިދުމަތް ކުރައްވަމުންނެވެ. އަދި އެކި ދާއިރާތަކުން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ހާސިލްކުރައްވާފައިވެއެވެ.

ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު ލިބިވަޑައިގެންނެވި ހ. ހިކަރި، އަހްމަދު އާދަމަކީ އިންޖިނިއަރިންގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން އިނގިރޭސިވިލާތުން ކިޔަވައިވިދާޅުވުމަށްފަހު ސަރުކާރުގެ އިންޖިނިއަރިން ޑިޕާޓްމަންޓްގައި މުހިންމު މަސައްކަތްތަކެއް އޭނާ ވަނީ ކުރައްވައިފައެވެ.

އަދި އަހުމަދު އާދަމަކީ އާންމު ހިދުމަތުގެ ގައުމީ އިނާމު ތައާރަފުކުރެއްވުމަށްފަހު އެ އިނާމު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

Leave a Reply

Your email address will not be published.

haftha.mv ©