Thu, 28 May, 2020, 10:07 am
އިލްމުވެރިންނަށް ރައީސް: ސިޔާސީ ހުޅު ރޯކުރާ ދަރަކަށް ދީން ހެދުމުގެ ފުރުސަތު ނުދެއްވާ
5

ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމަށް، އެއްވެސް ބަޔަކަށް ފުރުޞަތު ނުދެއްވުމަށް ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ގައުމީ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިންނަކީ އެކަކު އަނެކަކަށް ރަނގަޅު ގޮތް ވިސްނައިދީގެން، ކަންކަން އޮޅުންފިލުވައިދީގެން، މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަން ހުރި ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.

އަދި އިސްލާމީ ރިސާލަތުގެ އަސާސަކީވެސް، ހިކުމަތްތެރިކަމާއި ރިވެތި ނަސޭހަތުން މީހުންނަށް ކަންކަން ވިސްނައިދީ، ހެޔޮ މަގު ދެއްކުން ކަމަށްވާއިރު ރާއްޖޭގައި އެކަމަށް ގާބިލް އިލްމުވެރިން އެބަ ތިއްބެވި ކަމަށް ރައީސް ވިދާޅުވިއެވެ.

“ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިންނަށް، އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވަނީ، ސިޔާސީ ހުޅު ރޯކުރަން ބޭނުންކުރާ ދަރަކަށް ދީން ހެދުމަށް، އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވާށޭ. އިސްލާމީ އަގީދާގެ މަތިވެރިކަމާއި މޫރިތިކަމަށް ބުރޫއަރާފަދަ ކަންކަން، މީހުންގެ ސިކުނޑިތަކަށް ވެރިވުމަށް ފުރުސަތު ނުދެއްވާށޭ،” ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދައްކާ ވާހަކައަކުން، ލިޔެލާ ލިޔެލުމަކުން، ދިވެހިންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ އެއްކައުވަންތަކަމުގެ އަގީދާ ވަކިކޮށްލެވޭ ވަރަށްވުރެ، ދިވެހިންގެ އީމާންތެރިކަން މާ ވަރުގަދަ ކަމަށެވެ.

އަދި މީގެ ކުރިން އޮތް ސަރުކާރުން ފިޔަވަޅު ނޭޅިޔަސް، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމިއްޔަތުގެ ދިފާއުގައި، ކުރަންޖެހުނު ކޮންމެ ކަމެއް، އަދި ދީނުގެ ނަމުގައި ހަރުކަށި އަމަލުތައް ހިންގުން ހުއްޓުވުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް، މި ސަރުކާރުން ކުރާނެކަމުގެ ޔަގީންކަން ރައީސްގެ ވާހަކަފުޅުގައި ދެއްވިއެވެ.

Leave a comment

Your email address will not be published.