މުޙައްމަދު އިބްރާހިމް
29 October 2019
މަޤްބޫލު ޙަބަރު

ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފިއެވެ.

މެޓުން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ސްރީލަންކާ އާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުން އަންނަ ވިއްސާރައެއް ކަމަށެވެ.

އަދި މި ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި އިތުރަށް ބާރުގަދަވެ، ރާއްޖެއާ ކައިރިން ހުޅަނގުއުތުރަށް ދަތުރުކޮށް، އަރަބި ކަނޑަށް ޖެހެމުން ދާނެ ކަމަށެވެ.

މެޓުން ބުނީ، ކޮޅިގަނޑާއި ގުޅިގެން ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ވައި ގަދަވާނެ ކަމަށް ވެސް މެޓުން ލަފާ ކުރެއެވެ.

އެހެންކަމުން، ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭތީވެ، އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©