މުޙައްމަދު އިބްރާހިމް
29 October 2019
މަޤްބޫލު ޙަބަރު

ފެންވަރު ރަނގަޅު ހިދުމަތްތަކާއެކު ރާއްޖޭގެ ވައިގެ ދަތުރުފަތުރަށް ބޮޑެތި ބަދަލުތަކެއް ގެނައި، މަންޓާ އެއާގެ ތިން ވަނަ ސީޕްލޭން މިއަދު ރާއްޖެ ގެނެސްފިއެވެ.

ކެނެޑާގެ ކެލްގަރީން ފުރައިގެން ޑީއެސްޗީ-6 ޓުވިން އޮޓާ މަރުކާގެ މިބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ މިއަދު މިއަދު މެންދުރުއެވެ.

މިއީ އަންނަ މަހު މަންޓާ އެއާ އިން ފެށުމަށް ތައްޔާރުވަމުން އަންނަ ސީޕްލޭން ދަތުރުތަކުގައި ބޭނުންކުރާ 10 ސީޕްލޭންގެ ތެރެއިން މިހާތަނަށް ރާއްޖެ ގެނައި ތިން ވަނަ ބޯޓެވެ.

ފުރަތަމަ އަދި ދެވަނަ ސީޕްލޭން މިމަހުގެ ކުރީކޮޅު ރާއްޖެ ގެނެސްފައިވާއިރު ހަތަރު ވަނަ ބޯޓު ރާއްޖެއަށް އައުމަށްވަނީ ދަތުރު ފަށައިފައެވެ. އެ ބޯޓު އަންނަ އާދީއްތަ ދުވަހު ރާއްޖެ އާދެވޭނެ ކަމަށް މަންޓާ އެއާއިން ބުނެއެވެ.

މަންޓާ އެއާގެ ސީޕްލޭން ދަތުރުތަކުގައި ބޭނުންކުރާ ޑީއެސްސީ- 6 ޓުވިން އޮޓާސްއަކީ އެންމެފަހުގެ ޓެކްނޮލޮޖީ އާއި މޫސުމީ ރާޑަރެއް ވެސް ހިމެނޭ އެއާކުރާފްޓް ތަކެކެވެ.

މަންޓާ އެއާގެ ޗީފް މާކެޓިން އޮފިސަރު އަހުމަދު މައުމޫން މީގެ ކުރިން ވިދާޅުވީ، އެކުންފުނީގެ ސީޕްލޭން އޮޕަރޭޝަން ފަށާނީ ތަފާތު ހިދުމަތްތަކަކާއެކު ކަމަށެވެ.

އެގޮތުން މީހުންނަށް އިތުބާރު ކުރެވޭ ހިދުމަތެއް ދިނުމަށް، ދުރާލާ ޓިކެޓް ބުކް ކޮށް، ޖާގަ ކަށަވަރު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ.

އަދި ސީޕްލޭން ދަތުރުތަކަށް އެ ކުންފުނިން ގެންނަ ބޯޓުތަކާއެކު މަންޓާގެ ސީޕްލޭން ދަތުރުތައް ފުރަތަމަ ފަށާނީ މިހާރު އެ ކުންފުނީގެ ފްލައިޓުތައް އޮޕަރޭޓްކުރާ ސަރަހައްދުތަކުގައި ހުރި ރިސޯޓްތަކަށް ކަމަށާއި ނަމަވެސް މަންޓާ އެއާގެ ސީޕްލޭންގެ ހިދުމަތް ބޭނުންވާ ހުރިހާ ފަރާތްތަކަށް ދަތުރުތައް ފެށުމަށް އޮތީ ތައްޔާރަށް ކަމަށް މައުމޫން ވިދާޅުވެފައިވެއެވެ.

ފަސިންޖަރުންނާ ގާތް ގުޅުމެއް ބާއްވައި މަންޓާ ފްލީޓުގައި އެންމެ ފަހުގެ އޭޓީއާރު 600-72 މަރުކާގެ މުޅިން އާ ތިން ބޯޓު އޮންނައިރު، އެ އެއާލައިނުން މިވަގުތު ދަތުރުކުރަނީ ދެ މަންޒިލަކަށެވެ. އެއީ، ދ. ކުޑަހުވަދޫ އަށާއި ބ. ދަރަވަންދޫ އަށެވެ.

ނަމަވެސް، ކައިރި މުސްތަގުބަލެއްގައި އިތުރު ބޯޓެއް ގެނެސް، އިތުރު މަންޒިލްތަކަށް ދަތުރު ފެށުމަށް އެ އެއާލައިނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©