.
30 October 2019
މަޤްބޫލު ޙަބަރު

އާ ރޫހަކާއެކު ގައުމުގެ ވިންދު އަދި ގައުމުގެ ފުރާނަ ކަމުގައިވާ އިސްލާމްދީން ދަމަހައްޓަން މަސައްކަތް ކުރުމަށް ޖުމްހޫރީޕާޓީގެ ލީޑަރ އަދި ވިޔަފާރި ވެރިޔާ ގާސިމް އިބްރާހީމް ގޮވާލައްވައިފިއެވެ.

ގާސިމް އިބްރާހީމް މިގޮތަށް ގޮވާލެއްވީ މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ޖުމްހޫރީ ޕާޓީގެ މައި މަރުކަޒު މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭގެ ޖަލްސާގައި ގާސިމް ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނަށް އުނިކަން ލިބޭ އެއްވެސްކަމެއް އެއްވެސް މީހަކު ކޮށްގެން ނުވާނެ ކަމަށާއި، ކަމެއް ރަނގަޅުކުރަން ކަމަށް ހަދައިގެންވިޔަސް ނުވަތަ ނުބައިކަމެއް ކުރާނޭކަމަށް ހީކޮށްގެން ކަމަށްވިޔަސް، އެއްވެސް މީހަކު އެފަދަކަމެއް ކޮށްގެން ނުވާނެ ކަމަށެވެ.

ގާސިމް އިބްރާހީމް ވަނީ ޖިހާދު ކުރުމުގެ ނަމުގައި ބޭރުގެ ގައުމުތަކަށް ދިވެހިން ދިއުމާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން ގާސިމް ވިދާޅުވީ ގައުމުދޫކޮށް ޖިހާދުގެ ނަމުގައި ހަނގުރާމައަށް ބޭރު ގައުމުތަކަށް  ދިއުމާއި ހަނގުރާމަތަކުގައި ބައިވެރިވުމާއި، ހަނގުރާމައަށް ދިއުމަށް ހިތްވަރު ދިނުމަކީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުންވެސް ކުއްވެރިވާނެ ކަންކަމަށް ވިދާޅުވެފައެވެ.

” އަމަނަތެއްގެ ގޮތުގައި މާތް ﷲ އަޅުގަނޑު މެންނާއި ހަވާލުކުރައްވާފައި ކުޑަކުޑަކުދިން ދޫކޮށްލާފައި، މައިބަފައިންނާއި އެއްބަނޑު ތިމާގެ މީހުން ދޫކޮށްލާފައި ގޮސް ހަނގުރާމައިގައި މަރުވުމަކީ ޝަހީދުވުންކަމަށް ގަބޫލު ނުކުރެވޭ.” ގާސިމް އިބްރާހީމް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ގާސިމް އިބްރާހީމް ވަނީ ހޯމަދުވަހުގެރޭ ދަރުބާރުގޭގައި އޮތް ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދުދައްކަވާފައިވާ ވާހަކަތަަކަށް ޝުކުރުއަދާކުރައްވާފައެވެ.

ގާސިމް ވިދާޅުވީ އިސްލާމްދީނަށް އެއްވެސް ކަހަލަ ނިކަމެތިކަމެއް އަދި އުނިކަމެއް އަންނާނެ އެއްވެސްކަމެއް ވިޔަ ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމުން އެމަނިކުފާނުގެ ހިތްޕުޅަށް އާރޯޝަނީ ކަމެއް ލިބިގެންގޮސްފައިވާކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިގައުމަށް ހަމަޖެހުން ގެނެސްދެއްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©