Sat, 6 June, 2020, 4:51 pm
ރާއްޖެ ކައިރީގައި އުފެދުނު ކޮޅިގަނޑުގެ ބާރުގަދަވެ، “ޑިޕްރެޝަނަކަށް”!
36

ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑު މިހާރު އިތުރަށް ބާރުގަދަވެ، “ޑިޕްރެޝަނަކަށް” (ބާރުގަދަ ކޮޅިގަނޑަކަށް ބަދަލު ވެފައިވާ ކަމަށް  މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފިއެވެ.

އެ ކޮޅިގަނޑު މިހާރު ހުރީ ހއ. ތުރާކުނުގެ އިރުން 370 ކިލޯ މީޓަރު ދުރުގައެވެ. ނަމަވެސް ކޮޅިގަނޑާއި ގުޅިފައިވާ ބޯވިއްސާރަވިލާތައް އަދިވެސް އުތުރާއި މެދުރާއްޖެތެރޭގެ މައްޗަށް އަރަމުންދާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން އިތުރަށް ބުނީ، ކުރިއަށްއޮތް 24 ގަޑިއިރުގެ ތެރޭގައި އެކޮޅިގަނޑު އިތުރަށް ބާރުގަދަވެ، ހުޅަނގުއުތުރަށް ދަތުރުކޮށް، ރާއްޖެ އާއި ދުަށް ޖެހެމުންދާނެއެވެ.

އެއާއެކު ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ވައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

އަދި ބޯކޮށް ވާރޭވެހި ވަޔާއި ކަނޑު ގަދަވެ، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭތީވެ، އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

Leave a comment

Your email address will not be published.