Fri, 5 June, 2020, 10:03 am
ދެ އަހަރަށްފަހު އެއާ އިޓަލީން ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފި
2

އިޓަލީގެ ދެވަނަ އަށް އެންމެ ބޮޑު އެއާލައިން، އެއާ އިޓަލީގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފިއެވެ.

ރާއްޖެ އަށް ދަތުރުކުރުން ހުއްޓާލިތާ ދެ އަހަރު ފަހުން އެއާ އިޓަލީގެ ދަތުރުތައް އަލުން ފަށާފައި ވާއިރު، އެ އެއާލައިންގެ ފުރަތަމަ ފްލައިޓް މިއަދު ހެނދުނު ވަނީ ރާއްޖެ އައިސްފައެވެ.

ދަތުރުތައް އަލުން ފެށުމުގެ ގޮތުން މިއަދު ހެނދުނު ރާއްޖެ އަށް އައި އެ އެއާލައިންގެ އެއާބަސް އޭ330 އަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ ވޯޓާ ސެލިއުޓާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ފްލައިޓަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާޓުގައި އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހާއި އިޓަލީން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ކޮންސިއުލޭޓް އޭޖެންޓް ޖިއޮޖިއާ މަރައްޒީ ބައިވެރިވެވަޑައިގަތެވެ.

އެއާ އިޓަލީން ރާއްޖެ އަށް އަލުން ދަތުރުކުރަން ނިންމާފައި މިވަނީ ފިނި މޫސުމާ ގުޅިގެން އިޓަލީން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުުވމާ ގުޅިގެންނެވެ.

އެއާ އިޓަލީން ރާއްޖެ އަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މިލާނުގެ މަލްޕެންސާ އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހަފްތާ އަކު ތިން ދަތުރެވެ. އެއީ ކޮންމެ ހަފްތާއެއްގެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.

އެއާ އިޓަލީގެ ދަތުރުތަކާއެކު އިޓަލީގެ ތިން އެއާލައިނަކުން މިހާރު ވެސް ރާއްޖެއަށް ދަތުރުތައް ކުރާނެ އެވެ. މީގެ ތެރޭގައި އިޓަލީގެ ގައުމީ އެއާލައިން އަލިޓާލިއާ ހިމެނެއެވެ.

Leave a comment

Your email address will not be published.