މުޙައްމަދު އިބްރާހިމް
30 October 2019
މަޤްބޫލު ޙަބަރު

މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ، ދުވަސް ވަރަކަށް ވެފައި، ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ތޫފާނަކަށް ބަދަލުވުމާއި ގުޅިގެން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުން އެގޮތަށް އިލްތިމާސް ކުރީ، ރާއްޖެގެ އުތުރުގެ ސަރަހައްދުގައި އުފެދިފައިވާ ތޫފާން ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި އިތުރަށް ބާރުގަދަވެ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީއެވެ.

އެމްއެންޑީއެފުން ބުނީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން، މޫސުމަށް އަންނަ ބަދަލުތައް، މޫސުމާބެހޭ އިދާރައިން އޮޅުން ފިލުވުމަށްފަހު ދަތުރުތަށް ރޭވުމަށާއި ދަތުރުކުރައްވާ ނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށްފަހުގައި ނޫނީ ދަތުރު ނުކުރެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އޭގެ އިތުރުން ދަތުރުކުރައްވާ އުޅަނދުގައި ލައިފް ޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި ރޭގަނޑު ދަތުރުތަށް ކުރާނަމަ އިތުރަށް ސަމާލުވުމަށާއި މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސްކުރިއެވެ.

އެމްއެންޑީއެފުން އިތުރަށް ވަނީ، ޑައިވިން ކުރުމާއި އެހެނިހެން މޫދުކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ބަލައިގެން ކުޅިވަރުތަށް ރާވާ ހިންގެވުމަށާއި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދު ފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުން ވެސް އޮޑިދޯނި ފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް އިތުރަށް ސަމާލުކަންދިނުމަށް އެދިފައެވެ.

އިތުރަށް ބުނީ، ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުން އެދޭ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©