Sat, 6 June, 2020, 3:42 pm
ސަރަޙައްދުގެ އިސްލާމިކް ފައިނޭންސިންގގެ ހަބަކަށް ރާއްޖެ ހެދުމަކީ ސަރުކާރުގެ ތަޞައްވުރެއް: ރައީސް
4

ދިވެހި ރާއްޖެއަކީ މި ސަރަޙައްދުގެ އިސްލާމިކް ފައިނޭންސިންގގެ ހަބަކަށް ހެދުމަކީ ސަރުކާރުގެ ތަޞައްވުރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކެޕިޓަލް މާކެޓް ފޯރަމް 2019 ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި ފުޅާވަމުން އަންނަ އިސްލާމިކް ބޭންކިންގ އާއި، އިސްލާމިކް ފައިނޭންސްގެ ދާއިރާ އިތުރަށް ކުރިއެރުވޭނީ، ކުންފުނިތަކާއި ސަރުކާރުވެސް، މާލީ އެހީތެރިކަން ހޯދާ ވަސީލަތެއްގެ ގޮތުގައި، އިސްލާމިކް ކެޕިޓަލް މާކެޓުގެ ވަސީލަތްތައް ބޭނުންކޮށްގެންކަމަށެވެ.

އެގޮތުން ސަރުކާރުގެ އިސްނެގުމާއެކު، އިސްލާމިކް ޓޫރިޒަމް ރާއްޖޭގައި ތަރައްޤީ ކުރުމުގެ މަސައްކަތްތަކެއް މިހާރު ކުރެވެމުންއަންނަކަމަށާއި، އަދި އެ ފަދަ އެހެން މަޝްރޫއުތަކަށް ބޭނުންވާ ފައިސާ، ޢާންމުންގެ ބައިވެރިވުމާއެކު، އިސްލާމިކް ކެޕިޓަލް މާކެޓުގެ ތެރެއިން ހަމަޖެއްސުމަކީ، ދާއިރާއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކަށްވެސް، މާލީ ނިޒާމު ތައްޔާރުވެފައި އޮތުމަކީ، ވަރަށް މުހިންމު ކަމެއްކަމަށް ވިދާޅުވަމުން ރައީސް ވަނީ ތިމާވެށީގެ ޙިމާޔަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ފަސޭހައިން މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަކީ ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރާއިރު، ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ވިދާޅުވެފައެވެ.

އަދި ތަރައްޤީ ހާސިލުކުރަން ބޭނުންވަނީ ދެމެހެއްޓެނިވި ގޮތެއްގައިކަމަށާއި، އެކަން ކުރެވޭނީ، ވަގުތީ ޙައްލުތައް ލިބިދޭ ކުރު ރާސްތާގެ ރޭވުންތަކުގެ ބަދަލުގައި، ދާއިމީ ޙައްލަށް އަމާޒުކުރެވޭ ދުރު ރާސްތާގެ ރޭވުންތަކަށް އިސްކަންދީގެން ކަމުގައިވެސް ރައީސުލޖުމްހޫރިއްޔާ ވިދާޅުވިއެވެ.

“ރާއްޖޭގެ 99 އިންސައްތައަކީ ކަނޑު. ފަސްގަނޑު ތިރިވެފައި، ތިމާވެށީގެ ގޮތުން ވަރަށް ނާޒުކު ޙާލަތެއްގައި އޮތް ޤައުމެއް. އެހެންކަމުން، އަޅުގަނޑުމެން ތަރައްޤީގެ ރޮނގުން އެންމެ ފިޔަވަޅެއްވެސް އަޅަންޖެހޭނީ، ދެމެހެއްޓެނިވި ގޮތަކަށް ކަމަށް އަޅުގަނޑު ދެކެން. އެންމެންވެސް އެއްބަސްވާ ޙަޤީޤަތަކީ ރާއްޖެ ދެމިއޮންނާނީ ތިމާވެށި ހިމާޔަތް ކުރެވިގެންކަން.”ރައީސުލްޖުމްހޫިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވިއެވެ.

Leave a comment

Your email address will not be published.