.
31 October 2019
މަޤްބޫލު ޙަބަރު

ވިޔަފާރިތަކަށް އެކަށޭނަ މިންވަރަށް، ރާއްޖޭގެ މާލީ އިދާރާތަކުން ފަންޑު ލިބޭނެ ގޮތްތައް ނެތުމަކީ ބޮޑު ގޮންޖެހުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކެޕިޓަލް މާކެޓް ފޯރަމް 2019 ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިންގ ނިޒާމު ރާއްޖޭގައި އޮތްނަމަވެސް ވިޔަފާރިތައް ކުރިއެރުމުގައި ދިމާވާ ގޮންޖެހުންތަކެއް ހުރިކަމަށާއި، އޭގެ ތެރެއިން ވިޔަފާރިތަކަށް އެކަށޭނަ މިންވަރަށް، ރާއްޖޭގެ މާލީ އިދާރާތަކުން ފަންޑު ލިބޭނެ ގޮތްތައް ނެތުމަކީ އެންމެ ބޮޑު ގޮންޖެހުންކަމުގައި ރައީސް ވިދާލުވިއެވެ.

އެގޮތުން ބޭންކިންގ ނިޒާމުގެ ތެރެއިން ކުންފުނިތަކަށް ބޭނުންވާ މިންވަރަށް މާލީ އެހީތެރިކަން ލިބެންނެތްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން މި މައްސަލައަށް އޮތް އެންމެ ރަނގަޅު ޙައްލަކީ ކެޕިޓަލް މާކެޓްކަމަށާއި، އެގޮތުން ރާއްޖޭގައި ވިޔަފާރިތައް ފެށުމަށާއި، ވިޔަފާރިތައް ކުރިއަރުވަން ބޭނުންވާ ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ، އިތުރު ވަސީލަތެއްގެ ގޮތުގައި ކެޕިޓަލް މާކެޓް ހެދިދާނެކަމަށް ރައީސް ވިދާޅުވިއެވެ.

“ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ސްކީމްތަކެއް މިހާރުވެސް ސަރުކާރުން ވަނީ ފަށާފައި. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ކެޕިޓަލް މާކެޓް ނިޒާމުގެ ތެރެއިން ގިނަ އިންވެސްޓަރުންގެ ބައިވެރިވުމާއެކު، މި ދެންނެވި ސްކީމްތައް ފުޅާކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް” ރައީސް ވިދާޅުވިއެވެ.

މިދިޔަ އެޕްރީލް މަހުގެ ތެރޭގައި “މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް”ގެ ނަމުގައި ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏެއް ސަރުކާރުން އުފެއްދެވުމުގެ ބޭނުމަކީ، ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ސަރުކާރު މެދުވެރިކޮށް ޕްރައިވެޓް ސެކްޓަރ އިންވެސްޓްމަންޓްތައް އިތުރުކުރުންކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ ކުންފުނީގެ މަޤްޞަދުތައް ހާސިލުކުރުމަށް ކެޕިޓަލް މާކެޓަކީ ވަރަށް އެކަށޭނަ މުއައްސަސާއެއް ކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖެ އޮންނަ ގޮތުން ތަރައްޤީގެ މަޝްރޫޢުތަކުގައި ބޮޑު ގޮންޖެހުމެއް ކުރިމަތިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކުޑަ އާބާދީއެއްގައި ކެޕިޓަލް މާކެޓް މެދުވެރިކޮށް، ޤައުމީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދުމަކީ ގޮންޖެހުމެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާލީ އިދާރާތައް ގުޅިގެން މިކަމަށް އެދެވޭ ހައްލުތަކެއް ހޯދިދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

“ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްޤީކުރުމަށްޓަކައި، ކެޕިޓަލް މާކެޓުގެ ތެރެއިން ވަކި އިންތިޒާމެއް ހަމަޖައްސައި، ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީގެން، ރަށްތައް ތަރައްޤީކުރުމުގެ މަޝްރޫތައް ހަލުވި ދުވެއްޔެއްގައި ހިންގިދާނެ. އޭރުން ޖަޒީރާ ރާއްޖޭގެ ތަޞައްވުރު ޙަޤީޤަތަކަށް ހެދުން ވަރަށް ފަސޭހަވާނެ” ރައީސް ވިދާޅުވިއެވެ.

މި ސަރަޙައްދުގެ އިސްލާމިކް ފައިނޭންސިންގގެ ހަބަކަށް ރާއްޖެ ހެދުމަކީ ސަރުކާރުގެ ތަޞައްވުރަކަށްވުމާއެކު، ރާއްޖޭގައި މިހާރު ފުޅާވަމުން އަންނަ އިސްލާމިކް ބޭންކިންގ އާއި، އިސްލާމިކް ފައިނޭންސްގެ ދާއިރާ އިތުރަށް ކުރިއެރުވޭނީ، ކުންފުނިތަކާއި ސަރުކާރުވެސް، މާލީ އެހީތެރިކަން ހޯދާ ވަސީލަތެއްގެ ގޮތުގައި، އިސްލާމިކް ކެޕިޓަލް މާކެޓުގެ ވަސީލަތްތައް ބޭނުންކޮށްގެންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©