މުޙައްމަދު އިބްރާހިމް
01 November 2019
މަޤްބޫލު ޙަބަރު

ޤުރުއާން ކިޔަވައި ތިލާވަތު ކުރާ މީހާގެ ހިތަށް ދިރުން ލިބި ހިތްހަމަޖެހުމާއި އުފާވެރިކަން ހާސިލުވެ، ދިރިއުޅުމުގެ ޝައުގުވެރިކަން އެމީހެއްގެ ހިތުގައި އުފައްދައިދޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“ކީރިތިޤުރުއާނަށް ހުރުމަތްތެރިކޮށް ހިތުން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، ކީރިތި ޤުރުއާނަކީ މާތް ﷲ އެކަލާނގެ ރަސޫލާ މުހައްމަދުގެފާނަށް ބާވައިލެއްވި އެކަލާނގެ ކަލާމްފުޅު ކަމަށާއި އެއީ މާތް ﷲ އިންސާނުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ބާވައިލެއްވި އިލާހީ ގާނޫނާއި މަންހަޖު ކަމަށެވެ.

އެހެންކަމުން މުސްލިމުން ކީރިތި ޤުރުއާން ކިޔަވައި، އެފޮތާ އެއްގޮތަށް އުޅުމާއި ސުލޫކު ބަހައްޓަންޖެހޭ ކަަމަށާއި އަދި ދަރިންނަށް ކީރިތި ޤުރުއާން އުނގަންނައިދީ، އެކުދިންގެ ހިތްތަކުގައި އެފޮތުގެ ލޯބި އަށަގަންނުވައި އެފޮތުގެ މަތިވެރިކަމާއި މާތްކަން ދަސްކޮށްދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.

އެގޮތުން މުސްލިމުންގެ މުޅި އަމަލީ ހަޔާތް، ކީރިތި ޤުރުއާނާ އެއްގޮތަށް ބައްޓަން ކުރަންޖެހޭކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، އެފޮތަކީ މުސްލިމުންގެ ހިތާއި ފުރާނައާ ޒަމީރުގެ ކާނާ ކަމަށެވެ. އަދި އެ ފޮތް ކިޔަވައި، ތިލާވަތު ކުރާ މީހާގެ ހަތަށް ދިރުން ލިބި ހިތްހަމަޖެހުމާއި އުފާވެރިކަން ހާސިލުވެ، ދިރިއުޅުމުގެ ޝައުގުވެރިކަން މީހާގެ ހިތުގައި އުފައްދައިދޭނެ ކަަމަށް ވިދާޅުވިއެވެ.

މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ހަމަކަށަވަރުން ﷲގެ ފޮތް ކިޔަވައި، އަދި ނަމާދު ގާއިމުކޮށް ތިމަން ރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ސިއްރާއި ފާޅުގައި ހޭދަކޮށް އުޅޭ މީހުންނީ، ގެއްލުން ނުވާނެ ވިޔަފާރިއަކަށް އެދޭ ބައެކެވެ. (އެއީ) އެކަލާނގެ އެއުރެންނަށް އެއުރެންގެ ދަރުމަ ހަމަޔަށް ދެއްވައި، އަދި އެކަލާނގެ ފަޟްލުވަންތަކަން އެއުރެންނަށް އިތުރުކޮށްދެއްވުމަށްޓަކައެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަ ފުއްސަވައި ގިނަގިނައިން ޝުކުރު ގަބޫލު ކުރައްވާ ރަސްކަލާނގެއެވެ.”

ޤުރުއާނަކީ މާއްދީ އަދި ރޫހާނީ ބަލިތަކަށްވާ ޝިފާއެއްކަން ބަޔާންކުރައްވާ މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ތިމަންރަސްކަލާނގެ ޤުރުއާނުން މުއުމިނުންނަށް ރަހުމަތާއި، ޝިފާކަމުގައިވާ ތަކެތި ބާވައިލައްވަމެވެ،”

ހުތުބާގައި ވިދާޅުވީ، ކީރިތި ޤުރުއާނަކީ މުސްލިމުންގެ ދުސްތޫރު ކަމުގައިވީ ފަދައިން އެއީ ހިތްހަމަޖެހުމާއި އުފާވެރިކަމުގެ އެންމެ ބޮޑު އަސާސް ކަމަށެވެ. އަދި ޤުރުއާނަކީ އެންމެހައި ނުރައްކާތަކުން މުއުމިނު އަޅާ ސަލާމަތްކޮށްދޭނެ ގަދަފަދަ އަށްޑަނައެއް ކަމަށް ވިދާޅުވިއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، މިއަދު މުސްލިމުން ވަނީ އެ މަތިވެރި އިލާހީ ކަލާމްފުޅާ ދުރަށް ގޮސްފައި ކަމަށާއި އެފޮތަށް ފުރަގަސްދީ، އޭގައިވާ ހުކުމްތަކާ ހިލާފުވެފައި ކަމަށެވެ. އަދި މިއަދު މުސްލިމުން ވަނީ އެ ފޮތް ތިލާވަތު ކުރުމާއި އެފޮތަށް އަމަލުކުރުން އުނދަގޫ ކަމަކަށް ވެފައި ކަމަށާއި އޭގެ ސަބަބުން ދީނާ ދުރުވެ އެހެން މީހުންގެ ކުރިމަތީގައި ނިކަމެތިވެފައިވާ ކަމަށެވެ.

“މިއަދު ބައެއް މުސްލިމުން އިސްލާމް ދީނާ ބީރައްޓެހި ފިކުރުތަކުގެ ޝިކާރައަކަށް ވުމުގެ ސަބަބަކީ އެބައިމީހުންގެ ހިތްތަކުގައި ކީރިތި ޤުރުއާން އަށަގެންފައި ނުވުމުގެ ނަތީޖާއެވެ. ޅަފަތުގައި ކީރިތި ޤުރުއާނަށް އަހުލުވެރިކުރުވައި، އެ ފޮތަށް އިހްތިރާމު ކުރަން ދަސްކޮށްދެވިފައި ނެތުމެވެ،”

Leave a Reply

Your email address will not be published.

haftha.mv ©