މުޙައްމަދު އިބްރާހިމް
01 November 2019
މަޤްބޫލު ޙަބަރު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ހުރަސް އަޅަން ނިންމައިފިނަމަ، އެކަމުގައި ބައިވެރިވި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަން އެ ކޮމިޝަނުން ނިންމައިފިއެވެ.

އެ ނިންމުން ޖޭއެސްސީން ނިންމީ މިރޭ ބޭއްވި އެ ކޮމިޝަންގެ ކުއްލި ބައްދަލުވުމެއްގައެވެ.

ޖޭއެސްސީން ބުނީ، އެ ކޮމިޝަންގެ ގާނޫނަށް ގެނެވުނު އިސްލާހަށް އަމަލު ނުކުރުމަށް އަދި އެ އިސްލާހުގެ ބާރު ކެނޑޭގޮތަށް ބަލައި ނުގަތުމަށް ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމުން ނިންމަވައިފިނަމަ، އެކަމުގައި ބައިވެރިވި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަން މިރޭ ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން މިގޮތަށް ނިންމާފައި މިވަނީ، ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުތައް ބާތިލް ކުރުމާ ގުޅޭ މަޝްވަރާ ކުރަން ޖުޑީޝަލް ކައުންސިލުން ބައްދަލުވުމެއް މިރޭ ބާއްވަމުން ގެންދާތީއެވެ.

އެ ބައްދަލުވުމުގެ އެޖެންޑާގައި ޖޭއެސްސީގެ ގާނޫނަށް މިފަހުން ގެނައި އިސްލާހުތަކާމެދު އެ ކައުންސިލުގައި މަޝްވަރާކޮށް އެކަމާމެދު އެ ކައުންސިލަށް ފެންނަ ގޮތްތަކެއް ކަނޑައަޅާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އެ މައްސަލައާ ގުޅިގެން ޖުޑީޝަލް ސާވިސަސް ކޮމިޝަނުން މިރޭ ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައިފައެވެ.

ޖޭއެސްސީން މިރޭ ބުނީ، މިރޭގެ ބައްދަލުވުމުގައި  ޖޭއެސްސީގެ ގާނޫނަށް ގެނެވުނު އިސްލާހަށް އަމަލުނުކުރުމަށް، ނުވަތަ އެ އިސްލާހުގެ ބާރު ކެނޑޭގޮތަށް، ނުވަތަ އެ އިސްލާހުތައް ބަލައިނުގަތުމަށް ޖުޑިޝަލް ކައުންސިލުން ނިންމައިފިނަމަ އެކަމުގައި ބައިވެރިވި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ.

ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމާ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއްގައި ވެސް މިރޭ ދަނީ ކުރިއަށެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ، އެ ބައްދަލުވުމަކީ އުއްތަމަ ފަނޑިޔާރު ބައިވެރިވެ ވަޑައިގެން، ގާނޫނުތަކަށް އަމަލު ނުކުރެއްވުމަށާއި ޖޭއެސްސީ އާއި ޑީޖޭއޭގެ ގާނޫނީ ދައުރަށް ހުރަސްތައް ކުރިމަތި ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަމާ ގުޅިގެން މަޝްވަރާ ކުރުމަށް ކަމަށެވެ.

ޖުޑިޝަލް ކައުންސިލުގައި ހިމެނެނީ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނާއި ހައިކޯޓާއި ސިވިލް ކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓު އަދި ޖުވެނައިލް ކޯޓާއި ޑްރަގު ކޯޓުގެ އިސް ގާޒީންނާއި ދ. ހިތަދޫ ކޯޓާއި ހއ. ދިއްދޫ ކޯޓުގެ އިސް މެޖިސްޓްރޭޓެވެ.

Leave a Reply

Your email address will not be published.

haftha.mv ©