.
02 November 2019
މަޤްބޫލު ޙަބަރު

އިސްލާމްދީނަށް ނަސްރު ދެއްވައި ދީނުގެ ހިމާޔަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހުންނަވާނެކަމުގެ އިތުބާރު އެބައޮތްކަމުގައި ދީނީ ޢިލްމުވެރިޔާ ޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

“ލޮބުވެތި ނަބިއްޔާ” ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ދަރުސްގައި ޝެއިޚް އިލްޔާސް ވިދާޅުވީ ދީނާއި ޚިލާފަށް އުފެދޭ ޝުއޫރުތަކާއި އަޑުތަކަކީ މި ޤައުމުގެ ވަލިއްޔުލް އަމްރުގެ މަޤަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ޖާގަ ދެއްވާނޭ ކަންތައްތަކެއް ނޫންކަމަށް ޔަޤީންކުރައްވާކަމަށާއި،އެހެންކަމުން އިސްލާމްދީނަށް ނަސްރު ދެއްވައި ދީނުގު ހިމާޔަތުގައި ވަލިއްޔުލް އަމްރު ހުންނަވަނޭކަމުގެ އިތުބާރު އެބައޮތްކަމަށެވެ.

އަދި ނައިބް ރައީސްއާއި، ވަޒީރުންނާއި، މަޖިލިސް މެމްބަރުންނާއި، ސިފައިންނާއި، ފުލުހުންވެސް ﷲ ގަންދީ ކޮށްގެން ތިއްބެވި ހުވަޔާއި ޚިލާފްނުވާނޭކަމުގެ އުންމީދު އެބައޮތްކަމުގައިވެސް ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ވިދާޅުވިއެވެ.

ޝައިޚް އިލްޔާސް ވަނީ އިސްލާމީނުގެ އަދުއްވުން ދަށުދަރަޖައިގެ ކަންތައްތަކަށް ކަމާއިބެހޭ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅު އެޅުއްވުމަށް އިލްތިމާސް ކުރައްވާފައެވެ. ދީނާއި ޚިލާފަށް މާތް ރަސޫލާއަށް ފުރަސާރަކޮށް ހިންގޭ އަމަލުތަކަކީ ނަސްރުލިބޭނެ ކަންތައްތަކެއް ނޫންކަމަށްވެސް ޝައިޚް ވިދާޅުވިއެވެ.

އިސްލާމްދީނާއި މާތް ރަސޫލާއަށް ބަދުބަސްބުނެ ފުރައްސާރަކުރުމަކީ މި ލޮބުވެތި އުންމަތުގެ ކޮންމެ މުސްލިމެއްގެވެސް ލޭކެކި ޝުއޫރުތައް ބަންޑުންވާނެކަމެއްކަމަށާއި، ނަމަވެސް އެއްވެސް ކަމެއް ހައްދުން ނެއްޓި ޤައުމުގެ ހަމަޖެހުން ގެއްލޭގޮތަށް ވުމަކީ ރަގަޅު ގޮތެއް ނޫންކަމަށް ޝައިޚް އިލްޔާސް ވިދާޅުވިއެވެ.

ޝައިޚް ވިދާޅުވީ އިސްލާމްދީނަކީ ސުލްޙަވެރިކަމާއި، އަމާންކަމަށް ލޯބިކުރާ ދީނަކަށްވާއިރު، ހަމަނުޖެހުމާއި، މަސްލަހަތު ނަގާލުމަކީ ދީން ބާރުއަޅާ ކަމެއް ނޫންކަމަށެވެ. އެހެންކަމުން އެއްވެސް ރައްޔިތަކު ޝުއޫރު ފާޅުކުރުމުގެ ނަމުގައި ހަމަޖެހުން ނަގާލައި، މީސްމީހުންނަށް މަރުގެ އިންޒާރުދީ މުޖުތަމައުގައި ބިރުވެރިކަން އުފެދޭފަދަ ކަންކަން ކުރުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށް ޝައިޚް އިލްޔާސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©