.
03 November 2019
މަޤްބޫލު ޙަބަރު

3 ނޮވެމްބަރު 1988 ގެ އުދުވާނީ ހަމަލާއާއިބެހޭ ޝަރީއަތުގައި މެރުމުގެ އަދަބު ދެއްވުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ހުކުމްކުރައްވާފައިވާ ދިވެހިންގެ 6 މީހުންނާއި ޝްރީލަންކާގެ 12 މީހުން އެމީހުންގެ އަދަބު ލުއިކޮށް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ކުރި އިލްތިމާސް ގަބޫލުކުރައްވައި، އެ އެންމެންގެ އަދަބު އުމުރަށް ޖަލަށްލުމަށް ނިންމަވާ 17 ސެޕްޓެމްބަރު 1989 ވަނަ ދުވަހުގެރޭ ދިވެހި ރާއްޖޭގެ އަޑުންނާއި، ޓެލެވިޒަން މޯލްޑިވްސް އިން ގައުމާއި މުޚާތަބްކުރައްވާ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމް ދެއްކެވި ވާހަކަފުޅު.

ރާއްޖޭގެ ލޮބުވެތި ރައްޔިތުންނޭވެ!

އައްސަލާމްއަލައިކުމް ވަރަހްމަތުﷲ ވަބަރަކާތުހޫ

މިރޭ އަޅުގަނޑު ދިވެހިރާއްޖޭގެ އަޑާއި، ޓެލެވިޡަންމޯލްޑިވްސްގެ ޒަރީއާއިން ތިޔަބޭފުޅުންނާއި މި ބައްދަލުކުރަނީ ވަރަށް މުހިންމު މައްސަލައަކާއި ބެހޭގޮތުން އެއްޗެއް ދަންނަވާލުމަށް.

އާދެ! މިދިޔައައަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަދުވަހު ރާއްޖޭގެ ޚާއިނުންގެ ބަޔަކާއި ބޭރުގެ ޓަރަރިސްޓުންގެބަޔަކު  ހަތިޔާރާއި އެކު މާލެއަރާ ހިންގި އުދުވާނީ ހަމަލައަކީ ރާއްޖޭގެ ތާރީޚްގައި އޭގެ މިސާލެއްފެންނަންނެތްފަދަ ނުރައްކާތެރި ހަމަލާއެއް. އެހަމަލައިގެ ސަބަބުން އަޅުގަނޑުމެންގެ ތެރެއިންއެތަށް ބަޔަކުވަނީ ޝަހީދުވެގޮސްފައި. އެހަމަލައިގެ ސަބަބުން ރާއްޖޭގެ އަމަންއަމާންކަމާއި، ސަލާމަތްކަމަށް ވަނީ ވަރަށްބޮޑު ލޮޅުމެއްއަރާފައި. އަދި މިނޫންވެސް އެތަށް ގެއްލުމެއްވަނީ މުޅިއުންމަތަށް ލިބިފައި. އެދުވަހުގެ އުދުވާނީ ހަމަލާގައި އެޣަދަރުވެރި ބާޣީންނަށް ކާމިޔާބުވިނަމަ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިގެންދިޔައީސްކަން ޔަގީން. އަދި ރާއްޖޭގެ ވެރިކަމުގެ އާރާއިބާރުގެއްލި ބޭރުބައެއްގެ އަޅުވެތިކަމުގެދަށަށް ރާއްޖެވެއްޓުނީސްކަން ކަށަވަރު.

ނަމަވެސް އެންމެހައިކަންކަން އެންމެމޮޅަށް ދެނެވޮޑިގެންވާﷲ ސުބްހާނަހޫ ވަތަޢާލާގެ ހިކްމަތްވަންތަކަން އެހެންބާރުތަކަށްވުރެ މާމަތިވެރި. އެހެންކަމުން އެމަކަރުވެރި ބާޣީންގެ ހުރިހާރޭވުންތަކެއްވެސް ދިޔައީ ފެނަށްވެގެން. އެމީހުންނަށް އެއްވެސްކަމެއް ކާމިޔާބެއްނުކުރެވުނު.

ނޮވެމްބަރު3 ގެ މިނުރައްކާތެރި އުދްވާނީ ހަމަލާއާއި ގުޅިގެން ހައްޔަރުކުރެވުނު މީހުންނާއިމެދު ސަރުކާރުގެ ކަމާއިބެހޭފަރާތްތަކުން ކަންކަން ހިންގަވަމުން ގެންދަވާފައިވާގޮތް ، އެއީ މިދަނޑިވަޅުގައި އަޅުގަނޑު ވަރަށް ޚާއްސަ އުފަލަކާއި އެކު ފާހަގަކުރާކަމެއް. އާދެ! އަޅުގަނޑަށް އެގިފައިވާގޮތުގައި އެމީހުންހައްޔަރުކުރެވުނު އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެމީހުންގެ ތަހްގީގުތަށް ކުރެވި އެމީހުންނާއި މެދު ޝަރީއަތްހިންގައި ނިޔާ ކަނޑައަޅައި، އަދި ހުކުމްތަންފީޒު ކުރަމުންގެން ދިޔުމުގައި ސަރުކާރުގެފަރާތުންނާއި، އަދި ރާއްޖޭގެ އާންމު ރައްޔިތުން އެމީހުންނާއި މެދު ކަންތަށްތަށް ބަހައްޓަމުން ގޮސްފައިވަނީ އަދުލުވެރިކަމާއި، އިންސާފްވެރިކަމާއި، އެކުގައި. އިންސާނީ ހައްގުތަށް ރައްކާތެރިވުމާއިއެކުގައި. ގާނޫނީހަމަތަކާއި، އެއްގޮތްވާގޮތުގެމަތީން. މިއީ މުޅިދުނިޔެއަށް ރާއްޖެއިންދެއްކި ވަރަށްވެސް ފުރިހަމަނަމޫނާއެއް. އެކަމުގެ ތައުރީފް ރާއްޖެއަށް އަބަދުވެސް ލިބޭނެ މިސާލެއްވެސްމެ.

ކުޑަވެސް ޝައްކެއްނެތް ދިވެހިރާއްޖޭގެ ހައިކޯޓުން ބާޣީންގެ މައްޗަށް ކަނޑައަޅުއްވާފައިވާ ހުކުމަކީ އެމީހުންކުރި ކުށުގެ ބޮޑުކަމާއި،ލިބުނުގެއްލުންތަކަށް ބަލާއިރު، ޝަރުއީގޮތުންނާއި، ގާނޫނީ ގޮތުން އެމީހުންނަށް އެންމެހައްގުހުކުމް.މިކަން އަޅުގަނޑު ގަބޫލުކުރަނީ ހިތުގެ އެންމެއަޑިން.

މިހާރު ތިޔައެންމެ ބޭފުޅުންނަށްވެސް އެގިވަޑައިގެންފައިވާނޭފަދައިން މިދެންނެވި ބާޣީންގެ ތެރެއިން އެމީހުންގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅިފައިވާ ދިވެހިންގެ ހަތަރު މީހުންނާއި ޝަރީލަންކާގެ ބާރަ މީހުން މިހާރުވަނީ އެމީހުންގެ އަދަބު ލުއިކޮށްދިނުމަށް އެދި އަޅުގަނޑަށް އިލްތިމާސްއެއްކޮށްފައި.އެއީ ރާއްޖޭގެ ގާނޫނު އަސާސީން ކުއްވެރިންނަށް ލިބިދީފައިވާ ހައްގެއް.

އެހެންކަމުން މިދެންނެވި ސޯޅަމީހުންގެ އިލްތިމާސް އަޅުގަނޑަށްލިބުނީއްސުރެ އަޅުގަނޑު ގެންދިޔައީ އެކަމާއިމެދު ވަރަށްފުންކޮށް ވިސްނަމުން.އެކަމުގައި ހިމެނޭ ތަފާތުމައްސަލަތަކާއިމެދު ފިކުރުހިންގަމުން. ދިވެހިރާއްޖެއަކީ ބައިނަލްއަގްވާމީ ދާއިރާގައިވެސް އެކަށީގެންވާ މިންވަރަށް މިވަގުތު ހަރަކާތްތެރިވަމުންދާ ގައުމަކަށްވާތީ މިމައްސަލަ ނިންމާއިރު މިކަމަށްވެސް ޚިޔާލުކުރަންޖެހޭ.

އާދެ! ކުއްވެރިންނަށް އަފޫކުރުމާއި އަދަބު ލުއިކޮށްދިނުމުގެ ހައްގު ގާނޫނުގައި ލިބިދީފައިވަނީ ޚުދު ރައީސުލްޖުމްހޫރިއްޔާއަށް މިކަން އޮތީމިހެންކަމުގައިވިޔަސް މިބާވަތުގެ ކަމެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަމީހަކު ވިސްނަންޖެހޭނެކިތަންމެ ކަމެއް ހުންނާނޭ ކަމުގައި ތިޔަބޭފުޅުންވެސް ގަބޫލުކުރައްވާނެ.

އެހެންކަމުން މިކަމާއިމެދު އަޅުގަނޑު ވިސްނަމުންގެންދިޔަ ގެންދިޔުމުގައި މިމައްސަލައާއިގުޅޭގޮތުން ރައްޔިތުންގެ ހިތުގައި އުފެދެމުންދާ ޝުއޫރުތަށް ވަޒަންކުރެވޭތޯ އަޅުގަނޑު ވަރަށްބޮޑަށް ބެލިން އެކަމުން އަޅުގަނޑަށް އެގުނީ އެހެން ކޮންމެ ކަމެކޭވެސް އެއްގޮތަށް، މި ކަމުގައިވެސް ތަފާތު ޝުއޫރުތަކާއި ތަފާތު ހިޔާލުތައް ހުންނާނެކަން. ނަމަވެސް، އަޅުގަނޑަށް ވިސްނުނުގޮތުގައި، އެތަފާތު ޝުއޫރުތަކާއި ހިޔާލުތަކުގައި، އެކުލެވިފައިވާނީ ހަމައެއް މަގުސަދެއް. އާދެ! ގައުމުގެ މަސްލަހަތު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓޭނެ ގޮތް.

މި މައްސަލާގައި އޮތީ ދެގޮތުންކުރެ އެއްގޮތް. އެއްގޮތަކީ، މެރުމުގެ އަދަބު ދިނުމަށް ޝަރީއަތުން ހުކުމްކުރެއްވި މީހުންގެ ހުކުމް އެގޮތުގެ މަތިން ތަންފީޒު ކުރުން. މިއީ ކުރިޔަށް އޮތް ތާނގައި، ރާއްޖޭގެ ސަލާމަތާއި މިނިވަންކަމަށްޓަކައި އަމަލުކުރަން ޖެހޭނެގޮތް ކަމުގައި އެއްބަޔަކަށް ފެނިދާނެ. އަނެއްގޮތަކީ މެރުމުގެ އަދަބު ދިނުމަށް ކުރައްވާފައިވާ ހުކުމް، އެނޫން އަދަބަކަށް ބަދަލުކޮށްދިނުން. މިއީ، މީގެ ކުރިން ސިޔާސީކުށެއްގެ އަދަބެއްގެ ގޮތުން މަރުގެ އަދަބު ދީފައިވާ އެއްވެސް ފަހަރެއް ރާއްޖޭގެ ތާރީހުން ފެންނަން ނެތުމާއެކު، އަމަލުކުރުން އެންމެ އެކަށީގެންވާ ގޮތް ކަމުގައި އަނެއްބަޔަކު ފެނިދާނެ. މި ދެގޮތުންކުރެ ކޮންމެ ގޮތަކަށް މައްސަލަ ނިންމިޔަސް، އެނިންމާ ގޮތަކާ ދޭތެރޭގައި ނުރުހޭ ކިތަންމެ ބަޔަކު ތިބުމަކީ އެކަށީގެންވާ ކަމެއް. އެހެންކަމާއެކު ރައީސުލްޖުމްހޫރިޔާގެ މަގާމުގައި ހުންނަ މީހަކު މި މައްސަލަ ނިންމާއިރު ވިސްނަން ޖެހޭނީ. އެ ނިންމާ ގޮތަކުން އުފެދިދާނެ ވަގުތީ ޝުރޫއުތަކަށްވުރެ ބޮޑަށް ދިގު މުއްދަތެއްގައި ގައުމާއި ރައްޔިތުންގެ މަސްލަހަތު އޮތްގޮތެއް ގެ މައްޗަށް ކަމުގައި އަޅުގަނޑު ދެކެން.

މިރޭ ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވްސްގެ ޒަރީއާއިން އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނާ މި ބައްދަލުކުރަނީ، މި މައްސަލާގައި ވަރަށް ގިނަ ދުވަހު ވިސްނުމަށްފަހު، އަޅުގަނޑު ނިންމިގޮތް ދަންނަވާލުމަށް. އަޅުގަނޑު މިނިންމީ، ނޮވެމްބަރު 3ގެ އުދްވާނީ ހަމަލާއާބެހޭ ޝަރީއަތުގައި، އެމީހުންގެ މައްޗަށް މަރުގެ އަދަބު ދިނުމަށް ހުކުމް ކުރެވިފައިވާ ދިވެހިންގެ ހަތަރު މީހުންނާއި ޝްރީ ލަންކާގެ ބާރަމީހުން، އެމީހުންގެ އަދަބު ލުއިކޮށްދިނުމަށް އެދި ހުށަހަޅާފައިވާ އިލްތިމާސް އަޅުގަނޑު ގަބޫލުކުރުމަށް. އަދި އެމީހުންގެ އަދަބު އުމުރަށް ޖަލަށްލުމަށް ބަދަލުކުރުމަށް.

އަޅުގަނޑު މިހެންދަންނަވާއިރު، ތިޔައިގެ ތެރެއިން ބައެއް ބޭފުޅުންގެ ހިތްޕުޅުގައި އުފެދެމުންދާނޭ ޝުއޫރުތައް އަޅުގަނޑުގެ ހިތަށް ގެނެވޭ. ވަކިން ހާއްސަކޮށް، ނޮވެމްބަރު ތިނެއްގެ އެ އަނިޔާވެރި ބާޣީންގެ ރަހްމެއްނެތް ހަމަލާތަކުން ޝަހީދުވި ހިތްވަރުގަދަ މުޖާހިދުންގެ އާއިލާތަކުގެ މެންބަރުންގެ ހިތުގައި ކެކި އުތުރި އަރަމުންދާނެ ޝުއޫރުތައް އަޅުގަނޑަށް ވަޒަންކުރެވޭ.

ނަމަވެސް، މިވަގުތަކީ ވަކި ބައެއްގެ އިހްސާސް ތަކުގެ މައްޗަށް ކަންތައް ނިންމަންވީ ވަގުތެއް ނޫން. މިވަގުތު އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް އަޅުގަނޑުމެން ވިސްނަންވީ ގައުމުގެ މަސްލަހަތަށް މިވަގުތު އަޅުގަނޑުމެން އަޅާ ފިޔަވަޅެއް އަޅަންވީ ހަމައެކަނި މިއަދަށްޓަކައެއް ނޫން. މާދަމާއަށާއި، އަންނަން އޮތް ދުވަސްތަކަށްޓައިވެސްމެ.

އަޅުގަނޑު މިގޮތަށް މިނިންމީ، ކުރީގައިވެސް ދެންނެވި ފަދައިން ވަރަށް ފުންކޮށް ވިސްނުމަށްފަހު، ހުރިހާކަމަކަށްވުރެ އެންމެ އިސްކަން ދޭންވީކަމަކީ، ގައުމުގެ މަސްލަހަތު ކަމަށް ބަލާފައި. މިކަމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ހިމެނިފައެއް ނުވާނެ. އަޅުގަނޑު މިހެން މި ނިންމީ، ރާއްޖޭގެ ތާރީހުގައި މީގެކުރިން ދުވަހަކުވެސް ހިނގާފައި ނެތް ކަމެއް. އާދެ!

ސިޔާސީ ކުށެއްގެ ބަދަލުގައި މީހުންނަށް މަރުގެ އަދަބު ދިނުން. އެއީ މިއަދުގެ ސަރުކާރުން ފައްޓާ ކަމެއް ކަމުގައި ހަދަން އަޅުގަނޑަށް ނުފެންނާތީ. މި ލޭ އޮހޮރުވުމެއް ނެތް ދިވެހި ފަސްގަނޑަށް، ސިޔާސީ ކަމެއްގައި އެންމެ ފުރަތަމަ ސަރުކާރުގެ ފަރާތުން ލޭ އޮހޮރުވާ ބަޔަކީ، މި ޖީލުގެ ދިވެހިންކަމުގައިވާން އަޅުގަނޑަށް ނުރުހެވޭތީ. ވީމާ އަޅުގަނޑު ލަންކާގެ ބާރަމީހުން އެމީހުންގެ އަދަބު ލުއިކޮށްދިނުމަށްއެދި ހުށަހަޅާފައިވާ އިލްތިމާސް އަޅުގަނޑު ގަބޫލުކުރުމަށް ، އަދި އެމީހުންގެ އަދަބު އުމުރަށް ޖަލަށްލުމަށް ބަދަލުކުރުމަށް.

އަޅުގަނޑު މިހެންދަންނަވާއިރު ތިޔައިގެތެރެއިން ބައެއްބޭފުޅުން ހިތްޕުޅުގައި އުފެދެމުންދާނޭ ޝުއޫރުތަށް އަޅުގަނޑުގެ ހިތަށްގެނެވޭ. ވަކިންޚާއްސަކޮށް ނޮވެމްބަރ ތިނެއްގެ އަނިޔާވެރި ބާޣީންގެ ރަހްމެއްނެތް ހަމަލާތަކުން ޝަހީދުވި ހިތްވަރުގަދަ މުޖާހިދުންގެ އާއިލާތަކުގެ މެންބަރުންގެ ހިތުގައި ކެކިއުތުރިއަރަމުންދާނެ ޝުއޫރުތަށް އަޅުގަނޑަށް ވަޒަންކުރެވޭ.

ނަމަވެސް މިވަގުތަކީ ވަކިބައެއްގެ އިހްސާސް ތަކުގެ މައްޗަށްކަންކަން ނިންމަންވީ ވަގުތެއްނޫން. މިވަގުތު އެހެންހުރިހާކަމަކަށްވުރެ ބޮޑަށް އަޅުގަނޑުމެން ވިސްނަންވީ ގައުމުގެ މަސްލަހަތަށް، މިވަގުތު އަޅުގަނޑުމެންއަޅާ ފިޔަވަޅެއްއަޅަންވީ ހަމައެކަނި މިއަދަށްޓަކައިނޫން. މާދަމާއަށާއި، އަންނަންއޮތް ދުވަސްތަކަށްޓަކައިވެސްމެ.

އަޅުގަނޑު މިގޮތަށް މިނިންމީ ކުރީގައިވެސް ދެންނެވިފަދައިން ވަރަށްފުންކޮށްވިސްނުމަށްފަހު ހުރިހާކަމަކަށްވުރެ އެންމެއިސްކަންދޭންވީ ގައުމުގެ މަސްލަހަތުކަމަށް ބަލާފައި، މިކަމުގައިއެއްވެސްފަރާތެއްގެ ނުފޫޒެއްހިމެނިފައިނުވާނެ. އަޅުގަނޑު މިހެން މިނިންމީ ރާއްޖޭގެ ތާރީޚްގައި މީގެކުރިން ދުވަހަކުވެސް ހިގާފައިނެތްކަމެއް. އާދެ!

ސިޔާސީ ކުށެއްގެ ބަދަލުގައި މީހުންނަަށް މަރުގެ އަދަބުދިނުން، އެއީ މިއަދުގެ ސަރުކާރުން ފައްޓާކަމެއްކަމުގައި ހަދަން އަޅުގަނޑަށް ނުފެންނާތީ. މި ލޭއޮހޮރުވުމެއްނެތް ދިވެހި ފަސްގަނޑަށް، ސިޔާސީކަމެއްގައި އެންމެފުރަތަމަ ސަރުކާރުގެފަރާތުން ލޭއޮހޮރުވާ ބަޔަކީ ، މިޖީލުގެ ދިވެހިންކަމުގައިވާން އަޅުގަނޑަށް ނުރެހެވޭތީ. ވީމާ އަޅުގަނޑުއެދެނީ އަޅުގަނޑުގެ މިނިންމުމަކީ ގައުމުގެ މަސްލަހަތަށްޓަކައި އިޚްލާސްތެރިކަމާއިއެކު ނިންމި ނިންމުމެއްކަމުގައި ރާއްޖޭގެ ރައްޔިތުން ގަބޫލުކުރެއްވުން.

މާތްﷲ އަޅުގަނޑުމެންގެ ލޮބުވެތި ގައުމު ބޭރުގެ އަދާވާތްތެރިންގެ ކިބައިން އަބަދުގެ އަބަަދަށް ރައްކާތެރިކުރައްވާށި، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލް ސަލާމަތްކޮށް ދެމެހެއްޓުމުގެ ގާބިލިއްޔަތު އަޅުގަނޑުމެން ދިވެހިންނަށް ދެއްވާށި.! އަޅުގަނޑުމެންގެ މެދުގައި ލޯތްބާއި، އަޚުއްވަތްތެރިކަން އިތުރުކުރައްވާށި. އަދި އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ ދުވަހަކުވެސް ލޭއޮހޮރުވުމެއްނުހިގާ އަމާންކަމާއި، ސުލްހަވެރިކަމުގައި ދެމިއޮންނަ ރާއްޖެއެއްކަމުގައި ލަހައްޓަވާށި! އާމީން

ވައްސަލާމްއަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ…

Leave a Reply

Your email address will not be published.

haftha.mv ©