

ނަސްރުގެ ދުވަސް ފާހަގަކުރުމަށް އިދިކޮޅު ކޯލިޝަން ޕީޕީއެމްގެ އޮފީސް ކުރިމަތީގައި މިރޭ ބޭއްވި އެއްވުމަށް 2000 އެއްހާ ދިވެހި ރައްޔިތުން ބައިވެރިވި ކަމަށް ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
އެއްވުމަށްފަހު ޕީޕީއެމް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، މިރޭގެ އެއްވުން ބާއްވާތަން ބަދަލުވެގެން ކުއްލި ގޮތަކަށް ގޮވާލުމުން ވެސް 2000 އެއްހާ ރައްޔިތުން އައި ކަމަށެވެ. އަދި އެއްވުން ނިންމާލިކަން އިއުލާން ކުރުމަށްފަހު ވެސް މަގުމަތީގައި ގާތްގަނޑަކަށް 600 އެއްހާ ދިވެހިން އެބަ ތިބި ކަމަށް ވިދާޅުވިއެވެ.
ޕީޕީއެމް އޮފީސް ކުރިމަތީ “ބަޑި ބުރާސްފަތި” ނަމުގައި މިރޭ އެއްވުން ބޭއްވީ ނަސްރުގެ ދުވަސް ފާހަގަކުރަން އެ ޕާޓީން ކާނިވަލުގައި ބާއްވަން އުޅުނު ޖަލްސާއަށް އެތަން ނުލިބޭނެކަން ހައުސިން މިނިސްޓްރީން އެންގުމުންނެވެ.
ނަމަވެސް ފުލުހުން ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށް ވެސް ބުނެފައެވެ. އަދި އެނގިފައިވާ ގޮތުގައި، މިރޭގެ އެއްވުން ބާއްވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެ އެއްވުން ނުބޭއްވުމަށް ޕީޕީއެމްއަށް ފުލުހުން ވަނީ އަންގައިފައެވެ.
