މުޙައްމަދު އިބްރާހިމް
02 November 2019
މަޤްބޫލު ޙަބަރު

މިއަދު އިދިކޮޅު ކޯލިޝަންގައި ތިބި މީހުންނަކީ މުޒާހަރާތައް ފަށައި ކޮޅެއްގައި ޖެހުނީމަ ނޫނިއްޔާ މުޒާހަރާތައް ނުހުއްޓާނެ ބައެއް ކަމަށާއި އެކަން އެނގޭތީ އެމްޑީޕީ ސަރުކާރުން އަބަދުވެސް މުޒާހަރާތަކާމެދު ބިރު ގަންނަ ކަމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމަށް އިދިކޮޅު ކޯލިޝަން ޕީޕީއެމްގެ އޮފީސް ކުރިމަތީގައި މިރޭ ބޭއްވި އެއްވުން ނިންމާލުމަށްފަހު ޕީޕީއެމް އޮފީހުގައި ބޭއްވި ޕުރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، އެބޭފުޅުންނަކީ މުޒާހަރާ ކުރަން ފަށައިފިއްޔާ ހުއްޓާނެ ބައެއް ނޫން ކަމަށާއި ފެށި މުޒާހަރާއެއް ނިންމާނީ ކޮޅެއްގައި ޖައްސާފައި ކަމަށެވެ.

އެކަން އެމްޑީޕީއަށް ވަރަށް ރަނގަޅަށް އެނގޭނަކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ސިފައިން މެދުވެރިކޮށް ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލާގައި އޭރު އިދިކޮޅުގައި ތިބެގެން ފެށި މުޒާހަރާ ނިންމާލީ އޭރު ވެރިކަމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދިނުމުން ކަމަށެވެ.

“ވަރަށް ބިރު ގަންނާނެ މުޒާހަރާތަކާމެދު އެމްޑީޕީ ސަރުކާރުން އަބަދުވެސް. އެއީ އެމީހުންނަކީ އެކަން ތަޖުރިބާކޮށްފައި ތިބި ބައެއް. އަޅުގަނޑުމެންނަކީ މުޒާހަރާ ކުރަން ފަށައިފިއްޔާ ދެން ހުއްޓާނެ ބައެއް ނޫން. ކޮޅެއްގަ ޖެހުނީމަ ހުއްޓާނީ. އެކަން ވަރަށް ރަނގަޅަށް އެމްޑީޕީއަށް އެނގޭނެ. އެނގޭތީ އެ ބިރު ގަންނަނީ. އެމީހުންނަކީ މުޒާހަރާތަކަށް މީހުން ނުކުތީމަ ދެން ހަމަ ތުރުތުރު އަޅާނެ،” އަދުރޭ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެއްވުން ބާއްވާތަން ބަދަލުވެގެން ކުއްލި ގޮތަކަށް ގޮވާލުމުން ވެސް މިރޭގެ އެއްވުމަށް 2000 އެއްހާ ރައްޔިތުން އައި ކަމަށެވެ. އަދި އެއްވުން ނިންމާލިކަން އިއުލާން ކުރުމަށްފަހު ވެސް މަގުމަތީގައި ގާތްގަނޑަކަށް 600 އެއްހާ ދިވެހިން އެބަ ތިބި ކަމަށް ވިދާޅުވިއެވެ.

ޕީޕީއެމް އޮފީސް ކުރިމަތީ “ބަޑި ބުރާސްފަތި” ނަމުގައި މިރޭ އެއްވުން ބޭއްވީ ނަސްރުގެ ދުވަސް ފާހަގަކުރަން އެ ޕާޓީން ކާނިވަލުގައި ބާއްވަން އުޅުނު ޖަލްސާއަށް އެތަން ނުލިބޭނެކަން ހައުސިން މިނިސްޓްރީން އެންގުމުންނެވެ.

ނަމަވެސް ފުލުހުން ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށް ވެސް ބުނެފައެވެ. އަދި އެނގިފައިވާ ގޮތުގައި، މިރޭގެ އެއްވުން ބާއްވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެ އެއްވުން ނުބޭއްވުމަށް ޕީޕީއެމްއަށް ފުލުހުން ވަނީ އަންގައިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©