

މަސްތުވާތަކެއްޗާއިއެކު ރާއްޖޭގެ ސަރަހައްދުން އަނެއްކާވެސް އީރާންގެ މަސް ބޯޓެއް އަތުލައިގެންފިއެވެ.
އެމްއެންޑީއެފް އިން ބުނީ ދިވެހި ފުލުހުންނާއި ސިފައިން ގުޅިގެން ކުރިޔަށްގެންދިޔަ ޚާއްސަ އޮޕަރެޝަނެއްގައި މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ތަކެއްޗާއިއެކު ރާއްޖޭގެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް މިއަދު ހިފަހައްޓާފައިވާކަމަށެވެ.
މި ބޯޓު ހުއްޓުވާފައިވަނީ އއ.މަންދޫގެ ހުޅަނގުން ގާތްގަނޑަކަށް 4.8 ނޯޓިކަލް މޭލު ބޭރުގައި އެ މަސްބޯޓު އޮއްވައި، މިއަދު ހެނދުނު 11:40 ހާއިރު ކަމަށެވެ.
އެ މަސްބޯޓަށް ސިފައިންނާއި ފުލުހުން އަރައި، ބެލިބެލުމުގައި އެބޯޓުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ފުލުހުން ބުނީ އެއީ އީރާނުގެ ބޯޓެއް ކަމަށާއި ބޯޓުގައި އީރާނަށް ނިސްބަތްވާ ހަތް ފިރިހެނުން ތިބި ކަމަށެވެ.
އިރާނުގެ ބޯޓެއް ފުލުހުން ބަލަމުންދާ އިރު މީގެ ކުރިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އީރާނުގެ ހަތަރު ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފުލުހުން ވަނީ އަތުލައިގެންފައިވެ އެވެ.
އެގޮތުން މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ދިވެހީންގެ ބަޔަކު ބައިވެރިވެގެން، އީރާންގެ “އަލްޝަބާން” ކިޔާ ބޯޓަކުން ރާއްޖެއަށް 70 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރަން ވަނީ މަސައްކަތް ކޮށްފަ އެވެ.
