

ސަރުކާރުގެ މައި ހޮސްޕިޓަލު، އައިޖީއެމްއެޗްގައި ސަރުކާރުގެ ހަރަދުގައި ކަކުލު ހުޅު ބަދަލުކުރުމުގެ 100 ވަނަ ސާޖަރީ ކާމިޔާބު ކަމާއެކު މިއަދު ކޮށްފިއެވެ.
އައިޖީއެމްއެޗުން ބުނީ، އާސަންދަ މެދުވެރިކޮށް ކަކުލު ހުޅު ބަދަލުކުރުމަށް ސާޖަރީ ކުރުމަށް ފެށި މަޝްރޫއުގެ ދަށުން ތާރީހީ އެ ސާޖަރީ ކޮށްފައިވަނީ އެ ހޮސްޕިޓަލުގެ ތަޖުރިބާކާރު ދެ ޑޮކްޓަރުން ކަމަށްވާ ޑރ. ހުސެއިން ފައިސަލް އާއި ޑރ. އިސްމާއިލް ޒާހިރު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ނައިބް ރައީސް ފައިސަލް ނަސީމް ވަނީ އައިޖީއެމްއެޗްގައި ކުރި މި ކާމިޔާބު ސާޖަރީގައި ހަރަކާތްތެރިވި ޑޮކްޓަރުންނާއި ބައްދަލު ކުރައްވާ މަރުހަބާ ވިދާޅުވެފައެވެ. އަދި ކަކުލުހުޅު ބަދަލުކުރި ބަލި މީހާއާ ބައްދަލު ކުރައްވާ އަވަސް ޝިފާއަކަށް އެދިވަޑައިގަތެވެ.
ސިއްހީ ހިދުމަތް އަވަސްކުރުމުގެ ގޮތުން ސަރުކާރުގެ ހަރަދުގައި ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރުމަށް، އާސަންދަ އާއި ޓްރީ ޓޮޕް ހޮސްޕިޓަލް އަދި އައިޖީއެމްއެޗާއެކު އެއްބަސްވުމެއްގައި ސޮއިކުރީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
އެ މަޝްރޫއުގެ ދަށުން ފުރަތަމަ އޮޕަރޭޝަންތައް ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޓްރީ ޓޮޕާއި މެޑިކާ ހޮސްޕިޓަލުގައެވެ.
