މުޙައްމަދު އިބްރާހިމް
03 November 2019
މަޤްބޫލު ޙަބަރު

ނޮވެމްބަރު 3، 1988 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި މާލެ އެރި ޓެރަރިސްޓުން ދިން ހަމަލާތަކަށް އެންމެ ފުރަތަމަ ރައްދުދެމުން ދަނިކޮށް ޝަހީދުވި ކޯޕްރަލް ހުސެއިން އާދަމްގެ ހަޔާތުން ޒުވާނުންނާއި ސިފައިން އިބުރަތް ހާސިލްކުރަންޖެހޭ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރު ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވެއްޖެއެވެ.

ކަޅުތުއްކަލާ ކޮށީގައި މިރޭ ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، ހުޅުލޭގައި ހުސެއިން އާދަމް މަސައްކަތްކުރެއްވި ދުވަސްވަރު، އޯލެވެލް ނިންމާފައި ހުޅުލެއަށްދިޔަ ޓާސްކްފޯހުގައި ހިމެނުނު ޖޫނިއާ ޕްރައިވެޓެއްގެ ހައިސިއްޔަތުން އޭނާއާއެކު މަސައްކަތްކުރުމުގެ ފުރުސަތު ކުޑަ ދުވަސްކޮޅަކަށް ލިބުނު ކަމަށެވެ.

އެގޮތުން އޭނާއަކީ މަޑުމައިތިރި އެހެން ނަމަވެސް ވަރަށް ސިފަވަންތަ ހަށިހެޔޮ ނަމޫނާ ޑިސިޕްލިން ސޯލްޖަރެއް ކަމަށާއި ދީނާއި ގައުމަށްޓަކާ ލެޔާއި ފުރާނައިން ވެވަޑައިގެންނެވި ޤުރުބާނީ އާއި އެންމެ ފަހު ނޭވާއަށް ޖެހެންދެން ސާބިތުވެ ހުންނަވާ ފިދާވެ ވަޑައިގެންނެވި ގޮތް އެއީ ނަމޫނާ އަދި ވަރުގަދަ ގައުމީ މިސާލެއް ކަމަށް ޝަމާލު ވިދާޅުވިއެވެ.

“މި މުގައްދަސް، މި އުފާވެރި ނަސްރުގެ ދުވަހު ޝަހީދު ކޯޕްރަލް ހުސެއިން އާދަމްގެ ހަޔާތުން އިބްރަތް ހާސިލުކުރުމަށް ދިވެހި ޒުވާނުންނާއި ދިވެހި ސިފައިންނަށް އަޅުގަނޑު އިލްތިމާސްކުރަން،” ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

ޝަމާލު ވިދާޅުވީ، މީގެ 31 އަހަރު ކުރި އާއި މިހާރާ އަޅާބަލާއިރު ދުނިޔެއަށް ވެސް ބޮޑެތި އަވަސް ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އެގޮތުން ދުނިޔޭގެ ސަލާމަތީ ވެއްޓަށް އައިސްފައި މިވަނީ ކުރިން އަންދާޒާ ނުކުރެވޭފަދަ ބޮޑެތި ބަދަލުތަކެއް ކަމަށެވެ.

އެ ބަދަލުތަކާއެކު ކުރިމަތިވާ ނުރައްކާތަކާއި ގޮންޖެހުންތަކުން ސަލާމަތްވުމަށް ދިވެހި އަސްކަރިއްޔާ ވެސް ޒަމާނީ އެކަށޭނެ ބަދަލުތަކެއް ގެނައުމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ދިވެހި ސިފައިންގެ ފަންނީ ހުނަރު ކުރިއަރުވައި ތައްޔާރީ ހާލަތު އިތުރު ކުރުމާއި ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ހޯދައި ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ހަރުދަނާކޮށް ތަރައްގީކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ ދިވެހި އަސްކަރިއްޔާ މުޅިން އާ ހަަރުފަތްތަކަކަށް އުފުއްލައިދެއްވުމަށް ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަހައްޓަވާ އަހަމިއްޔަތަށް ޝަމާލު ޝުކުރު އަދާކުރެއްވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©