މުޙައްމަދު އިބްރާހިމް
04 November 2019
މަޤްބޫލު ޙަބަރު

ރެސިޑެންސް މޯލްޑިވްސް ރިސޯޓުގައި މަސައްކަތްކުރާ ފޮޓޯގުރާފަރެއްގެ ގައިގާ އެ ރިސޯޓުގައި ހުރި ފަތުރުވެރިއަކު ތަޅާ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، އިއްޔެ ހަވީރު 5:17 އެހާކަންހާއިރު އެ މާރާމާރީ ހިންގާފައިވަނީ އެ ރިސޯޓުގައި ހުރި އިންޑިއާގެ ފަތުރުވެރިއެއް ކަމަށެވެ. އަދި މާރާމާރީ ހިންގާފައިވަނީ ފޮޓޯގުރާފަރު ނެގި ބައެއް ފޮޓޯ ތަކަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މާރާމާރީ ހިންގާފައިވަނީ އުމުރުން 18 އަހަރުގެ ޒުވާނަކާއެވެ. އަދި މާރާމާރީގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ފޮޓޯގުރާފަރު އަމިއްލައަށް ވިލިނގިއްޔަށް ގޮހެވެ. އެ މައްސަލައާ ގުޅިގެން އޭނާގެ ބަޔާން ނަގައި ފުލުހުން ވަނީ މައްސަލަ ތަހުގީގު ކުރަން ފަށައިފައެވެ.

ފުލުހުން ބުނީ، މިއަދުގެ ވަގުތެއްގައި އެ ރިސޯޓަށް ގޮސް، ނަގަންޖެހޭ ބަޔާންތައް ނަގާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ފުލުހުން އެއްވެސް އިރަކު މަސައްކަތް ކޮށްފައިނުވާ ކަމަށް ބުންޏެވެ.

ފުލުހުން މިހެން ބުނެފައިވަނީ، އެ މައްސަލަ ފުލުހުން ނުބަލަން ނިންމައި، އެ މައްސަލަ ދޫކޮށްލަން އެދިފައިވާ ކަމަށް ބުނެ ފޮޓޯގުރާފަރުގެ ބައްޕައާ ހަވާލާދީ އޮންލައިން ނޫހެއްގައި ލިޔެފައިވާތީއެވެ.

ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން އަދިވެސް އެ ރިސޯޓުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©