Sat, 6 June, 2020, 3:48 pm
ޤާނޫނާއި ޤަވާޢިދުތަކަށް ފުރިހަމައަށް ޢަމަލުކުރުންމަތީ ސިފައިން ދެމިތިބުމަށް، ސިފައިންގެ ވެރިޔާ އިލްތިމާސްކޮށްފި
3

ޤާނޫނުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް ޢަމަލުކުރުންމަތީ ދެމިތިބުމަށް، ދިވެހި ހުރިހާ ސިފައިންނަށް ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިލްތިމާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ 31 ވަނަ ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޤައުމީ ދިފާޢީ ބާރުން އިންތިޒާމުކޮށްގެން ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ އިތުބާރަކީ ސިފައިންކަން ފާހަގަކުރައްވައި އެ އިތުބާރު ދެމެހެއްޓޭނީ ސިފައިންގެ ކޯޑް އޮފް އެތިކްސްއަށް ފުރިހަމައަށް ޢަމަލުކޮށް، އަސްކަރީ އަޚްލާޤުގެ އެންމެ މަތީ މިންގަނޑުގައި ސާބިތުވެ ތިބެގެންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް ޢަމަލުކުރުންމަތީ ދެމިތިބުމަށް ސިފައިންގެ ކިބައިން އެދޭކަމަށެވެ.

ޢަސްކަރީ ޢުދުވާނެއް ކަމަށްވިޔަސް، ޤުދުރަތީ ކާރިޘާއެއް ކަމަށްވިޔަސް، ޤައުމާއި ރައްޔިތުން ދިފާޢުކުރުމުގެ އެންމެ ކުރީ ސަފަށް، އެންމެ ފުރަތަމަ ނުކުންނަ ބަޔަކީ، ސިފައިންކަން ފާހަގަކުރައްވައި މިސަބަބަށްޓަކައި ސިފައިންނަކީ ދުޅަހެޔޮ، ހަށިހެޔޮ ބައެއްގެ ގޮތުގައި ދެމިތިއްބެވުމަށް ވެސް ހުރިހާ ސިފައިންނަށް ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އަސްކަރިއްޔާގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތްކުރެވޭގޮތަށް ކަންކަން ބައްޓަންކުރެއްވުމަށް މިހާރަށްވުރެ ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތްޕުޅު ކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް، ވަރަށް މުހިންމު ހަރުދަނާ ސިޔާސަތުތަކެއް މިހާރުވެސް ރޭވިފައިވާކަމަށާ އަދި ސިފައިންގެ ވެލްފެއަރ ކަންކަމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް، ޢަމަލީ ގޮތުން މިހާރުވެސް މަސައްކަތް ކުރަމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ދިވެހި ސިފައިންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމަށްޓަކައި، އަދި ދިވެހި ޢަސްކަރީ ޒުވާނުންގެ، އުނގެނުމަށާއި ފަންނީ ކުރިއެރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ބިޔަ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ އެންމެ ބުރަ މަސައްކަތްކުރާ ބަޔަކީ ކޯސްޓް ގާޑްގެ ސިފައިންކަން ފާހަގަކުރައްވައި ކަނޑުމަތީގެ ހާދިސާތަކުގައި، މީހުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމުގައި ވެސް، ކޯސްޓް ގާޑުން އަދާކުރަނީ، ވަރަށް މުހިންމު ދައުރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ކޯސްޓް ގާޑްގެ ވަސީލަތްތައް ފުރިހަމަކޮށް، ތަމްރީނާއި ފަންނީ ޤާބިލްކަން އިތުރުކުރުމަށް، އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފުރާނަ ސަލާމަތްކުރުމުގެ ރިހިމެޑަލް ހާޞިލުކުރި 9 ސިފައިންނަށް ރިހި މެޑެލް ހަވާލުކޮށްދެއްވާފައެވެ. އަދި މި ޖަލްސާގައި އެމަނިކުފާނު ވަނީ ސިފައިންގެ ޤައުމީ ލަވަ އަލްބަމް ވެސް ނެރެދެއްވާފައެވެ.

Leave a comment

Your email address will not be published.