މުޙައްމަދު އިބްރާހިމް
04 November 2019
މަޤްބޫލު ޙަބަރު

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން އަދުލުއިންސާފު ގާއިމު ކުރުމުގެ ބާރު ޕެރަލައިޒު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑީޖޭއޭއަށް ހުރަސް އަޅަން ސުޕްރީމް ކޯޓުން އުޅޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންނާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މައްސަލަ ބަލަމުންދާ ދަނޑިވަޅެއްގައި އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ، މިއަދު ނެރުއްވި ދިގު ބަޔާނެއްގައެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ދައުލަތުގެ ބާރުތައް ވަކިކޮށްފައިވާއިރު އަދުލުއިންސާފު ގާއިމްކުރުމުގެ އެންމެހައި ބާރުތަކެއް ހަވާލުކޮށް މަތި ކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ހައިކޯޓާއި ޝަރުއީ ކޯޓުތަކާ ކަމަށެވެ.

އެގޮތުން ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތަށް ޝަރީއަތް ކުރުމުގެ އިތުރުން އަދުލުއިންސާފު ގާއިމު ކުރުމުގެ އެންމެހައި ކަންކަމާ ބެހޭގޮތުން ސިޔާސަތުތައް ކަނޑައެޅުމާއި، އެ ސިޔާސަތުތައް ހިންގުމާއި އެކަށައަޅައި ގާއިމް ކުރާންޖެހޭ ނިޒާމުތައް ގާއިމު ކުރުމާއި އެ ނިޒާމުތައް ހެޔޮ ގޮތުގައި ހިންގުމުގެ ހުރިހައި ކަމަކީ ފަނޑިޔާރުގޭގެ ބާރުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއްކަން ގާނޫނުއަސާސީގައި ކަނޑައެޅިފައިވާ ކަމަށެވެ.

ނަމަވެސް ގާނޫނުއަސާސީގައި އެހެން ބުނާ މާއްދާތަކުގެ ބާރު ކެނޑޭގޮތަށް ޝަރުއީ ކޯޓުތަކުގެ ކަންކަމާއި ފަނޑިޔާރުންގެ މަސައްކަތާ ބެހި، ފަނދިޔާރުގޭގެ މަސައްކަތަށް ހުރަސް އަޅައި، ދަތި ކުރުމުގެ ބީދައިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކޯޓުތަކުގެ އެތެރޭގެ އިދާރީ ކަންކަމާއި އިދާރީ ނިޒާމުގެ ތެރެއަށް އަތް ބާނައި ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި ފަނޑިޔާރުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި ކޯޓުތަކުގެ އިދާރީ ހިންގުމުގެ އެންމެހައި ކަންކަން އެ ޑިޕާޓްމަންޓުގެ ދަށަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެއެވެ.

“ހަމައެހެންމެ، ދިވެހިރާއްޖޭގެ އަދުލުއިންސާފު ގާއިމު ކުރުމުގެ އެންމެ އިސް ފަރާތް ކަމުގައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިދާރީ ނިޒާމު ވެސް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުންގެ އެއްވެސް ބާރެއް ނުހިނގާ ނިޒާމަކަށް ބަދަލުކޮށް، ކޯޓުގެ ދުސްތޫރީ އަދި ގާނޫނީ ޒިންމާ އާއި މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އަޅައި، ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން އަދުލުއިންސާފު ގާއިމު ކުރުމުގެ ބާރު ޕެރަލައިޒް ކުރުމަށް މަސައްކަތް ކުރަމުންދާކަން ވަނީ ފާހަގަ ކުރެވިފައި،” އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©