• Mon, 13 July, 2020, 12:24 pm

    ދައްކާ ބިރަކަށް ޖެހިލުން ނުވެ، މިނިވަން ފަނޑިޔާރުގެއެއް ފޯރު ކޮށްދޭނަން: އުއްތަމަ ފަނޑިޔާރު

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    އެއްވެސް ފަރާތަކުން ދައްކާ ބިރަކަށް ޖެހިލުން ނުވެ، މިނިވަންކަމާއި މުސްތަގިއްލުކަމާއެކު، މިނިވަން ފަނޑިޔާރުގެއެއްގެ ހިޔާވަހިކަން ފޯރު ކޮށްދޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

    އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވެ ދިގު ބަޔާނެއް ނެރުއްވާފައިވަނީ، ޑީޖޭއޭއަށް ހުރަސް އަޅަން ސުޕްރީމް ކޯޓުން އުޅޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންނާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މައްސަލަ ބަލަމުންދާ ދަނޑިވަޅެއްގައެވެ.

    އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވިދާޅުވީ، ސުޕްރީމު ކޯޓުގެ އިދާރީ ނިޒާމުގެ މައްޗަށް އުއްތަމަ ފަނޑިޔާރުގެ ބާރެއް ނުހިނގާނޭ ގޮތަށް ނިޒާމު ބޭއްވުމަކީ އެކަމުގެ ސަބަބުން އެ ކޯޓުގެ ބާރު ކެނޑި، ރާއްޖޭގެ ގާނޫނުއަސާސީން އެކޯޓަށް ދީފައިވާ ހައިސިއްޔަތާއި ދައުރު ނިގުޅައިގަނެ، މުޅި ޝަރުއީ ދާއިރާ އާއި ޝަރުއީ ކޯޓުތައް ނިކަމެތިކުރުން ކަމަށެވެ.

    އޭގެ އިތުރުން އެއީ ފަނޑިޔާރުންގެ މަސައްކަތަށް ހުރަސް އަޅައި، ފަނޑިޔާރުންގެ ދުސްތޫރީ ވާޖިބުތައް އަދާ ކުރުމަށް ދަތިކޮށް، އަދުލުއިންސާފު ގާއިމު ކުރުމުގެ މުޅި ނިޒާމު ފުނޑުފުނޑު ކޮށްލުމުގެ ގޮތުން ހިންގޭ ޣައިރު ގާނޫނީ އަދި ޣައިރު ދުސްތޫރީ އަމަލުތަކެއް ކަމުގައި މެނުވީ ބެލެވޭނެ ތަނެއް ނެތް ކަމަށް ބަޔާނުގައިވެއެވެ.

    އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ރާއްޖޭގެ އުއްތަމަ ފަނޑިޔާރަކީ އަދި ކޮންމެ ފަނޑިޔާރަކީ ގާނޫނުއަސާސީ އާއި ގާނުނުތައް ނެގެހެއްޓުމުގެ ދުސްތޫރީ ޒިންމާ އަދާ ކުރުމަށް ހުވައި ކޮށްގެން ހުންނަ މީހަކަށް ވާއިރު، ގާނޫނުއަސާސީ އަކީ ކުޅޭކުޅެ އެއްޗަކަށް އަދި ގާނޫނުއަސާސީ މާނަ ކޮށް ތަފުސީރު ކުރުމުގެ ދުސްތޫރީ އަދި ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް ފަރާތްތަކުން ހިތަށް އެރި ގޮތަކަށް މާނަކޮށް އޭގެ ހުރުމަތާއި ހައިބަތު ގެއްލުވައިލާން އޮތް އެއްޗެއް ކަމުގައި ވެގެން ދިއުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

    “ފަނޑިޔާރުންނާއި ކޯޓުތަކުގެ އިދާރީ ނިޒާމު ޕެރަލައިޒްކޮށް ވަކި ގޮތަކަށް ނިންމުންތަކެއް ނިންމައިފިނަމަ ފަނޑިޔާރުންނާމެދުގައި ފިޔަވަޅު އަޅާނޭ ކަމުގައި ބުނެ ބިރު ދައްކައި އިންޒާރު ދިނުމަކީ މުޅި ދައުލަތުގެ އަސާސްތަކަށް ދެވޭ ހަމަލާއެއް ކަމުގައި މެނުވީ ބެލެވޭނެ ޖާގައެއް ނެތެވެ،” ބަޔާނުގައިވެ އެވެ.

    އަދި ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓާއި ޝަރުއީ ކޯޓުތަކަކީ ޖުޑީޝަލް ސާވިސް ކޮމިޝަން ނުވަތަ ރައްޔިތުންގެ މަޖިލީހުގައި އޮންނަ ކޮމިޓީއެއްގެ ބެލުމުގެ ދަށުން ހިނގާ ތަންތަން ކަމުގައި ހެދޭނޭ އެއްވެސް ގޮތެއް ރާއްޖޭގެ ގާނޫނުއަސާސީ އާއި އެ ގާނޫނުއަސާސީން އެކަށައަޅާ ގާނޫނުގެ ހުކުމް ދެމިއޮތްހައި ހިނދަކު ނޯންނާނެ ކަމަށެވެ.

    އެގޮތުން އޮޅުވައިލުމަށް ބަޔަކު ކިތަންމެ މަސައްކަތް ކުރި ނަމަވެސް، ދިވެހި ދައުލަތުގެ އަދުލުއިންސާފު ގާއިމު ކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރާއްޖޭގެ ކޯޓުތަކަށް ކަމާއި ރާއްޖޭގެ ސުޕްރީމް ކޯޓަކީ އެ ބާރުގެ އެންމެ އިސް ފަރާތްކަމީ ވަންހަނާ ނުވާނޭ މިންވަރަށް ގާނޫނުއަސާސީގައި އެނގި ކަށަވަރު ވާން އޮތް ކަމެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.

    “އެއްވެސް ފަރާތަކުން ދައްކާ ބިރަކަށް ޖެހިލުން ނުވެ، މިނިވަންކަމާއި މުސްތަގިއްލުކަމާއެކު، މިނިވަން ފަނޑިޔާރުގެއެއްގެ ހިޔާވަހިކަން އެއްވެސް ދިވެހި ރައްޔިތަކަށް ތަފާތު ކުރުމެއް ނެތި ފޯރު ކޮށްދޭނެ ކަމާއި ގާނޫނުއަސާސީ އާއި ގާނޫނުތައް ނެގެހެއްޓުމުގެ މަސްއޫލިއްޔަތު ދިވެހިރާއްޖޭގެ ކޯޓުތަކުން އަދާ ކުރަމުން ގެންދާނޭކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،” އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައިވެއެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.