މުޙައްމަދު އިބްރާހިމް
04 November 2019
މަޤްބޫލު ޙަބަރު

ނަސްރުގެ ދުވަހު ތަހުނިޔާ އަރިސްކޮށް ވައިބަރު ގުރޫޕަކަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ފޮނުއްވި ފޮޓޯ އަކީ ކޮރަޕްޝަނާއި ފަސާދައިގެ ލާލަޗުގައި ކުރި ކަމެއް ކަމުން އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް އެމްޑީޕީން ގޮވާލައިފިއެވެ.

ކްރިމިނަލް ކޯޓުގެ ރީކްރިއޭޝަން ކްލަބުގެ ވައިބަރު ގުރޫޕަށް ހައިލަމް ފޮނުއްވި ވި ފޮޓޯގައި ފެންނަނީ ނޮވެމްބަރު 3، 1988 ގައި ކުލީ ސިފައިންނާއެކު ރާއްޖެ އެރި އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި އެ ބަގާވާތުގައި ބައިވެރިވި ބައެއް ދިވެހިންގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހައި ގަންހިންގާ މަންޒަރު ދައްކުވައިދޭ ކުރެހުމެކެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ހައިލަމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަން ގޮވާލަނީ އޭނާ އެ އަމަލު ހިންގާފައިވަނީ ކޮރަޕްޝަނާއި ފަސާދައިގެ ލާލަޗުގައި ކަމަށް އެޕާޓީން ގަބޫލުކުރެވޭތީ އާއި އާންމުންގެ މެދުގައި އެ ތުހުމަތު ކުރެވެމުންދާތީ ކަމަށެވެ.

އެމްޑީޕީން ބުނީ، އަދުލު އިންސާފު ގާއިމްކުރުމުގެ ދާއިރާގެ މިނިވަންކަމަށް ރައްކާތެރިވެ ތިބޭ ހާލު، އެ ނިޒާމަށް އާންމުންގެ މެދުގައި އިތުބާރާއި ޔަގީންކަން އުފައްދައި ދެމެހެއްޓުމަށް އަހުލާގާއި ސުލޫކީ މިންގަނޑު ބެހެއްޓުމަށް ފަނޑިޔާރުންގެ މައްޗަށް ދުސްތޫރީ އަދި ގާނޫނީ ގޮތުން ލާޒިމު ކަމަށެވެ.

އޭގެ އިތުރުން ފަނޑިޔާރުންނީ ޒާތީ ތައައްސުބެއް ނެތި، ވަކި ފަރާތަކަށް ނުޖެހި، އަމަލާއި ބަހާއި އުޅުމާއި ގުޅުން ބަހައްޓަން ލާޒިމުވާ ބައެއް ކަމަށްވާއިރު ހައިލަމު ހިންގާފައިވާ އަމަލަކީ ގާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާއި ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށެވެ.

މެސެޖާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ބޭއްވި ކުއްލި ބައްދަލުވުމެއްގައި ހައިލަމްގެ ސުލޫކީ މައްސަލައެއް ވެސް ބަލަން ވަނީ ނިންމައިފައެވެ. އެނގިފައިވާ ގޮތުގައި އެ ކޮމިޝަނުން ހައިލަމްގެ މައްސަލަ ބަލަން ނިންމީ އެ ކުރެހުމާ ގުޅިގެންނެވެ.

އެ މައްސަލާގައި މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީ މެންބަރުން ވަނީ ގާޒީ ހައިލަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ހޫނު ބަހުސެއް ހިނގައިފައެވެ.

އެގޮތުން އެމްޑީޕީގެ މެމްބަރުން ވަނީ ހައިލަމްގެ އެ އަމަލަކީ އެފަދަ ފަނޑިޔާރަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި ހައިލަމް ބާއްވަމުން ގެންދަވާ، ކުރީގެ ރައީސް ޔާމީންގެ ކޮރަޕްޝަން މައްސަލައިގެ ހުކުމް އިއްވުން މާދަމާއަށް ތާވަލް ކޮށްފައި އޮތްއިރު، އެފަދަ ކުރެހުމެއް ހާމަ ކުރުމަކީ އެ މައްސަލައިގައި ފަނޑިޔާރު އެއް ފަރާތަށް ޖެހިފައިވާކަން އަންގައިދޭ ކަމެއް ކަމަށެވެ.

އޭގެ އިތުރުން ހައިލަމް ސަސްޕެންޑު ކުރުމަށް ވެސް ބައެއް މެމްބަރުން ގޮވާލެއްވިއެވެ.

އެ ބަހުސުގެ ތެރެއިން އިދިކޮޅު މެންބަރުން ވަނީ މިއަދު ގާޒީ ހައިލަމްގެ ވާހަކަ ދައްކަނީ މާދަމާގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ކަމަށާއި ޖޭއެސްސީއަކީ އެމްޑީޕީގެ ގޮއްޕަކަށް ހަދައިގެން ޝަރުއީ ނިޒާމަށް މަޖިލީހުގެ ރައީސް ހަތަރެއް ފައި ބާނަމުންދާ ކަމަށެވެ.

އެކަމަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ބައެއްގެ ކަރުގައި ޗޭނު އަޅުވައިގެން ގާޒީއަކު ފޮޓޯއެއް އާންމު ކުރުމަކީ ރާއްޖޭގެ ނިޒާމް ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވުމުން އިދިކޮޅު މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވައި ރައީސްގެ މޭޒު ކުރިމަތީގައި ސަފަކަށް އެތުރި، ދުންމާރި ވެސް ފުމެފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©