މުޙައްމަދު އިބްރާހިމް
05 November 2019
މަޤްބޫލު ޙަބަރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހާފައިވާ ފޮޓޯއެއް ވައިބާ ގުރޫޕަށް ލީއިރު އެއީ އެބޭފުޅުންނަށް ނިސްބަތްކުރެވޭ ފަދަ ކުރެހުމެއްކަން ނޭނގޭ ކަމަށް ވިދާޅުވެ، ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު ހައިލަމް މައާފަށް އެދިވަޑައިގެންފިއެވެ.

ކްރިމިނަލް ކޯޓުގެ ރީކްރިއޭޝަން ކްލަބުގެ ވައިބަރު ގުރޫޕަށް ހައިލަމް ފޮނުއްވި ވި ފޮޓޯގައި ފެންނަނީ ނޮވެމްބަރު 3، 1988 ގައި ކުލީ ސިފައިންނާއެކު ރާއްޖެ އެރި އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި އެ ބަގާވާތުގައި ބައިވެރިވި ބައެއް ދިވެހިންގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހައި ގަންހިންގާ މަންޒަރު ދައްކުވައިދޭ ކުރެހުމެކެވެ.

އެ މައްސަލައާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ހައިލަމް މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ ފޮޓޯ ވައިބާ ގުރޫޕަށް ލާފައިވަނީ އެ ފޮޓޯގައި އަބްދުﷲ ލުތުފީ ހުރިކަން އެނގުމުން، ދެން އެފޮޓޯގައި ތިބި ފަރާތްތަކަކީ ކޮންބައެއްތޯ ބެލުމަކާ ނުލާ ކަމަށެވެ.

“ވައިބާ ގުރޫޕަށް އަޅުގަނޑު އެފޮޓޯ ލީއިރު އެފޮޓޯގައިވާ ކުރެހުމުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް ނިސްބަތްކުރެވޭ ފަދަ ކުރެހުމެއް ހުރިނަ އެނގިފައި ނުވެއެވެ… އެކަމަށްޓަކައި، ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ އަރިހުން ނިޔާހަތަށް މައާފަށް އެދެމެވެ،” ހައިލަމްގެ ބަޔާނުގައިވެއެވެ.

އެ މައްސަލައާ ގުޅިގެން ހައިލަމް މައާފަށް އެދިވަޑައިގެންފައި މިވަނީ، ޖުޑީޝަލް ސާވިސް ކޮމިޝަނުން އިއްޔެ ބޭއްވި ކުއްލި ބައްދަލުވުމެއްގައި ހައިލަމްގެ ސުލޫކީ މައްސަލައެއް ވެސް ބަލަން ނިންމާފައި ވަނިކޮށެވެ.

އެނގިފައިވާ ގޮތުގައި އެ ކޮމިޝަނުން ހައިލަމްގެ މައްސަލަ ބަލަން ނިންމީ އެ ކުރެހުމާ ގުޅިގެންނެވެ.

ހައިލަމްގެ ބަޔާނުގައި އިތުރަށް ބުނީ، އޭނާ ބަލަމުންދާ މައްސަލައަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެ މައްސަލާގައި ރިޝްވަތު ނަގާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ތުހުމަތުކޮށް މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކާފައިވާތީ، އެފަރާތްތަކުގެ އަމަލަކީ ކޯޓުގައި ކުރިއަށްދާ މައްސަލައަށާއި ފަނޑިޔާރެއްގެ ހައިސިއްޔަތުން ކުރަމުންދާ މަަސައްކަތަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކޮށްފައިވާ އަމަލެއް ކަމަށެވެ.

ނަމަވެސް އޭނާގެ މައްޗަށް މެމްބަރުން ކުރި ތުހުމަތު ހައިލަމް ވަނީ ދޮގު ކުރައްވައިފައެވެ.

“އަޅުގަނޑުގެ މަގާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން އެއްވެސް ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށް އެއްވެސް އިރެއްގައި އެއްވެސް ސިފައެއްގައި މަސައްކަތްކޮށްފައި ނުވާނެ ކަމާއި އެފަދަ ކަމެއްގައި ބައިވެރިވެފައި ނުވާނެކަމުގެ ޔަގީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް މިފުރުސަތުގައި އަރުވަމެވެ،” ހައިލަމްގެ ބަޔާނުގައިވެއެވެ.

ފޮޓޯގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެމްޑީޕީ މެންބަރުން ވަނީ ގާޒީ ހައިލަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ހޫނު ބަހުސެއް ވެސް ހިނގާފައެވެ.

އެގޮތުން އެމްޑީޕީގެ މެމްބަރުން ވަނީ ހައިލަމްގެ އެ އަމަލަކީ އެފަދަ ފަނޑިޔާރަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި ހައިލަމް ބާއްވަމުން ގެންދަވާ، ކުރީގެ ރައީސް ޔާމީންގެ ކޮރަޕްޝަން މައްސަލައިގެ ހުކުމް އިއްވުން މާދަމާއަށް ތާވަލް ކޮށްފައި އޮތްއިރު، އެފަދަ ކުރެހުމެއް ހާމަ ކުރުމަކީ އެ މައްސަލައިގައި ފަނޑިޔާރު އެއް ފަރާތަށް ޖެހިފައިވާކަން އަންގައިދޭ ކަމެއް ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©