Sat, 6 June, 2020, 3:00 pm
އެމްޑީއެން އުވާލަން ނިންމައިފި
2

އެމްޑީއެން އުވާލަން ސަރުކާރުން ނިންމައިފި އެވެ.

އެމްޑީއެން އުވާލަން މި ނިންމީ، އިލްމުވެރިންގެ ޓީމެއް ލައްވައި އެ ޖަމިއްޔާގެ ރިޕޯޓް ދިރާސާ ކުރުމަށްފަހު އެ ރިޕޯޓުގައި އިސްލާމްދީނަށް ތައުހީނުކޮށްފައިވާ ކަމަށް ފުލުހުން ޔޫތު މިނިސްޓްރީ އަށް އެންގުމުންނެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގައި، އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކަތަކެއް ހުރި ކަން ފުލުހުންނާއި އިސްލާމިކް މިނިސްޓްރީން ކުރި ތަހުގީގުން ވެސް ކަށަވަރުވާ ކަމަށެވެ. އެހެންވެ، ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން އެމްޑީއެން އުވާލަން ނިންމާފައިވާ ކަން އޭނާ ވަނީ އިއުލާން ކުރައްވައިފައެވެ.

އެމްޑީއެން އުވާލަން ނިންމައި ޔޫތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، އެ ޖަމިއްޔާ އުވާލަން ނިންމާފައިވަނީ ޖަމިއްޔާތަކާއި ބެހޭ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ހަވާލާދީ އެ ގާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

އެގޮތުން އެމްޑީއެން އިން ނެރެފައިވާ ”ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް” ރިޕޯޓުގައި އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފު ވާހަކަތަކެއް ހުރި ކަމަށް ފުލުހުންނާއި އިސްލާމިކް މިނިސްޓްރީން ކަމާ ގުޅުން ހުރި އެހެން ފަރާތްތަކާއެކު ކުރި މަސައްކަތުން މިނިސްޓްރީއަށް ކަށަވަރުވެފައިވާ ކަމަށް ޔޫތް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ޔޫތު މިނިސްޓްރީން ބުނީ އެމްޑީއެންގެ ރަޖިސްޓްރީ ބާތިލު ކުރިކަން މިހާރު އެޖަމިއްޔާއަށް އަންގާފައިވާނެ ކަމަށާއި އަދި ޖަމިއްޔާތަކާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ދަރަންޏާއި މުުދަލާއި ބެހޭ ގަވައިދުގެ ދަށުން އެ ޖަމިއްޔާގެ ދަރަންޏާއި މުދަލުގެ އެންމެހާ ކަންކަން ހަމަޖެއްސުމަށް އެ ޖަމިއްޔާއަށް 45 ދުވަހުގެ މުއްދަތެއް ދީފައިވާނެ ކަމަށް ވެސް ޔޫތު މިނިސްޓްރީން ބުނެއެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފެންމަތިވުމުން ޔޫތު މިނިސްޓްރީން އެ ޖަމިއްޔާ ސަސްޕެންޑްކުރިއެވެ. އެކަމަކު އެއީ އެކަށީގެންވާ ފިޔަވަޅެއް ނޫން ކަމަށް ބުނެ އިލްމުވެރިންނާއި ގިނަ ކައުންސިލްތަކަކުން ބަޔާން ނެރެ ހިތްހަމަނުޖެހުން ވަނީ ފާޅުކޮށްފައެވެ. މި މައްސަލައިގައި ސިލްސިލާ މުޒާހަރާތަކެއް ވެސް ބޭއްވިއެވެ.

Leave a comment

Your email address will not be published.