Thu, 28 May, 2020, 8:18 am
ތޯރިގަށް މިއަދު ވެސް އަދަބެއް، އެންގީ ފާރަށް މޫނުލައިގެން ކޮޅަށް ހުންނެވުމަށް!
15

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) މަޖިލިސް ޖަލްސާއިން ނުކުންނަވައި، މަޖިލިސް މާލަމުގެ ފާރަށް މޫނު ލައްވައިގެން ކޮޅަށް ހުންނެވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭނާއަށް އަންގަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މެންބަރު ތޯރިގަށް އެގޮތަށް އަމަލު ކުރެއްވުމަށް އެންގެވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަޑުގަދަ ކުރައްވައި ދުންމާރި ފުންމަވައިގެން ނިޒާމު ގެއްލުވާލުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި ދެވަނަ ފަހަރަށް ނަން އިއްވެވުމަށް ފަހުގައެވެ.

މަޖިލިސް ރައީސް ފުރަތަމަ ފަހަރަށް ތޯރިގުގެ ނަން އިއްވަވާ، ތަޅުމުން ބޭރަށް ނުކުންނެވުމަށް އެންގެވީ އަަޑުގަދަ ކުރެއްވުމުންނެވެ. އަދި ތޯރިގު މަޖިލިސް ތަޅުމުން ނެރުއްވުމަށް މަޖިލީހުގެ ސާޖަންޓް އެޓް އާމްސް އަށް ވެސް އެންގެވިއެވެ.

ނަމަވެސް ތަޅުމުން ނިކުންނެވުމަށްފަހު އަލުން ތޯރިގު ޖަލްސާއަށް ވަންނަވާ، ޖަލްސާގެ ވަކި ހިސާބަކުން އަނެއްކާ ވެސް ދުންމާރި ފުންމަވަން ފެއްޓެވިއެވެ.

އެގޮތުން ދެވަނަ ފަހަރަށް ތޯރިގުގެ ނަން އިއްވަވައި ތަޅުމުން ނިކުންނެވުމަށް ތޯރިގަށް އަންގަވައި، އޭނާ މަޖިލީހުގެ ތަޅުމުން ނެރުއްވުމަށާއި ތޯރިގު ފުންމަވަން ގެންގުޅުއްވި ދުންމާރި މަޖިލީހުގެ އިދާރާއަށް ގެންނެވުމަށް މަޖިލިސް ރައީސް ސާޖަންޓް އެޓް އާމްސް އަށް އެންގެވިއެވެ.

އެއަށްފަހު ޖަލްސާއިން ނިކުންނަވައި، ފާރަށް މޫނު ލައްވައިގެން ކޮޅަށް ހުންނެވުމަށް މަޖިލީހުގެ ރައީސް ތޯރިގަށް އެންގެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވެސް މަޖިލިސް ރައީސް ވަނީ ތޯރިގަށް އަދަބު ދެއްވައިފައެވެ. އެގޮތުން އިއްޔެގެ ޖަލްސާގައި ވެސް މަވައި އަޑުގަދަ ކަށިގަނޑު ފުންކުރައްވާތީ މަޖިލިސް ރައީސް ތޯރިގަށް އެންގެވީ، “ދެން ތިމަންނާ މަޖިލީހުގެ ތަޅުމުގައި ކަށިގަނޑު ނުފުމޭނަން” މިހެން 100 ފަހަރު ލިޔުއްވުމަށެވެ.

Leave a comment

Your email address will not be published.