Sat, 6 June, 2020, 3:48 pm
ހައިލަމް ސަސްޕެންޑްކޮށް، ޔާމީންގެ ޝަރީއަތް ކެންސަލް
2

ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިމިނަލް ކޯޓްގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކޮށްފިއެވެ.

އެކަމާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވުމަށް މިއަދު މެންދުރު 1:00 ގައި ކުރިމިނަލް ކޯޓްގައި ބާއްވަން ތާވަލް ކުރި އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.

އިސް ގާޒީ ހައިލަމް ސަސްޕެންޑްކުރީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ކިޔުމަށް އޭނާ ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުވި ފޮޓޯއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ވާ ޖަހާފައިވާ ފޮޓޯއެއް ފޮނުއްވި މައްސަލަ ޖޭއެސްސީން ބަލަން ފެށުމަށް ފަހުއެވެ.

އެގޮތުން އޭނާގެ ސުލޫކީ މައްސަލަ ބަލަން ނިންމައި، މިއަދު ހެނދުނު 8:00އަށް ޖޭއެސްސީއަށް ހާޒިރުވެވަޑައިގަތުމަށް އެ ކޮމިޝަނުން ހައިލަމް އަށް ވަނީ އަންގައިފައެވެ. އެކަމަކު، ހައިލަމް ވަނީ އެކަމަށް އުޒުރުވެރިވެ އެ ކޮމިޝަނަށް ސިޓީ ފޮނުވައިފައެވެ.

ހާޒިރުވެ ވަޑައިނުގަތް ސަބަބެއް ކަމަށް ހައިލަމް ފޮނުއްވި ސިޓީއެއްގައި އަންގަވާފައި ވަނީ، މައްސަލަޔާ ގުޅޭ ގޮތުން ބަޔާނެއް ނެރުއްވައި ވީގޮތް ސާފުކޮށްދެއްވާފައިވާ ކަމަށެވެ. އަދި އެއީ ޖޭއެސްސީ އަށް ވެސް ދޭން ބޭނުންވާ މައުލޫމާތު ކަމަށް ވިދާޅުވެފައިވެއެވެ.

އެކަމާ ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނީ، އެ ކޮމިޝަނަށް ހާޒިރުވާން އުޒުރުވެރިވެ ހައިލަމް ފޮނުވި ސިޓީގައި މަގުބޫލު ސަބަބެއް ބަޔާން ނުކުރާ ކަމަށެވެ. އަދި ތަހުގީގު ކުރިއަށް ދާއިރު ހައިލަމް ވަޒީފާއަށް ނިކުމެވަޑައިގަތުމަކީ ޝަރުއީ ދާއިރާގެ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށްވާތީ 60 ދުވަހަށް ވުރެ ދިގު ނުވާ ގޮތަށް ހައިލަމް ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށެވެ.

ހައިލަމް ސަސްޕެންޑު ކުރަން މިއަދު ނިންމިއިރު، ޖޭއެސްސީން އޭނާގެ މައްސަލަ ބަލުމަކީ، އެއީ ރައީސް ޔާމީންގެ މައްސަލައިގެ ހުކުމަށް ނުފޫޒު ފޯރުވުން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެމްބަރުން ދަނީ ބުނަމުންނެވެ.

Leave a comment

Your email address will not be published.