މުޙައްމަދު އިބްރާހިމް
05 November 2019
މަޤްބޫލު ޙަބަރު

ރަހުމުކުޑަ ގޮތަކަށް ގަތުލު ކޮށްލާފައިވާ ދީނީ އިލްމުވެރިޔާ އަފްރާޝީމް އަލީގެ މަރާ ގުޅިގެން ލިބިވަޑައިގެންފައިވާ ހުރިހާ މައުލޫމާތެއް ގޮތްނޭނގޭ މަރުތަކާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނަށް ހިއްސާކޮށްފައިވާ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

އޮކްޓޯބަރު 2، 2012 ގައި އަފްރާޝީމް އަވަހާރަކޮށްލީ އޭނާ ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގައެވެ. އޭރު ކޮމިޝަނަރު އޮފް ޕޮލިސްއަކަށް ހުންނެވީ އަބްދުﷲ ރިޔާޒެވެ.

ރިޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑރ. އަފްރަޝީމް އަވަހާރަކޮށްލި މައްސަލައިގައި ލިބިލައްވާފައިވާ ހުރިހާ މައުލޫމާތެއް މަރުތަކާބެހޭ ކޮމިޝަނާ މިއަދު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ކޮމިޝަންގެ މެމްބަރުން ކުރެއްވި ހުރިހާ ސުވާލުތަކަށް ޖަވާބު ދީފައިވާނެ ކަމަށް ވިދާޅުވިއެވެ.

އަފްރާޝީމުގެ މަރާ ގުޅޭ ހުރިހާ މައުލޫމާތެއް މަރުތައް ތަހުގީގުކުރާ ކޮމިޝަނަށް ރިޔާޒު ހިއްސާކުރިއިރު، ރިޔާޒު މީގެ ކުރިން ވަނީ އަފްރާޝީމް އަވަހާރަކޮށްލި ހާދިސާއާ ބެހޭ ގޮތުން ފުލުހުންގެ އިދާރާގައި ނެތް، އާ މައުލޫމާތެއް އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

އަދި އޭގެ ކުރިން ރިޔާޒު ވަނީ އެ މައުލޫމާތު ހާމަކުރައްވާނީ އެކަމަށް ރަނގަޅު ޕުލެޓްފޯމެއް ލިބިވަޑައިގަތުން ކަމަށް ވިދާޅުވެފައެވެ.

އަފްރާޝީމުގެ މަރަށް އިންސާފު ހޯދައިދިނުމަކީ މި ސަރުކާރުގެ ވެސް ވައުދެކެވެ. އަދި އެއީ މަރު ކޮމިޝަނުން އެންމެ އިސްކަންދޭ އެއް މައްސަލައެވެ. އެ މަރަށް މިއަހަރު ހަތް އަހަރު ފުރިފައިވާއިރު، އެ މަރާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ކޮމިޝަނުން އަދި އާންމެއް ނުކުރެއެވެ.

ނަމަވެސް އެކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ އަޑީގައި ތިބި މީހުންގެ ތަފުސީލުތައް ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ސުއޫދު އެހެން ވިދާޅުވީ، މިދިޔަ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހުއެވެ. އޭގެ ފަހުން މިހާރު އެއް މަސް ދުވަސް ވެއްޖެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©