މުޙައްމަދު އިބްރާހިމް
05 November 2019
މަޤްބޫލު ޙަބަރު

ކުރިން މާލޭ އިންގުލިޝް ސުކޫލް (އެމްއީއެސް) ހިންގި އިމާރާތުގައި ސަރުކާރުން ހިންގަން ނިންމާފައިވާ އާ ސުކޫލަށް “އިއްޒުއްދީން ސުކޫލް”ގެ ކިޔުމަން ނިންމައި، އެ ސުކޫލުގައި އަންނަ އަހަރު ކިޔަވައިދޭން ފަށަން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެއް ދަންފަޅިއަށް ކިޔަވައިދޭނެ ގޮތަށް ހަމަޖައްސާފައިވާ އެ ސުކޫލަކީ ގުރޭޑް 1 އިން 10 އަށް ކިޔަވައިދޭނެ ސުކޫލެއް ކަމަށެވެ.

ނަމަވެސް އަންނަ އަހަރު ކިޔަވައިދޭން ފަށާނީ ގުރޭޑް 1 އިން 6 އަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެއީ ގުރޭޑް 1 އިން 4 އަށް ކޮންމެ ގުރޭޑެއްގައި ތިން ކުލާސް، އަދި ގުރޭޑް 5 އިން 6 ގެ ކޮންމެ ގުރޭޑެއްގައި ދެ ކުލާސް ކަމަށެވެ. ކުލާހެއްގައި ޖާގައަކީ ގިނަވެގެން 25 ކުދިންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ގުރޭޑް 7 އިން 10 އަށް ގުރޭޑްތައް ތަރައްގީ ކުރާނީ 2021 އިން ފެށިގެން އަހަރަކުން އަހަރަކުން ގުރޭޑެއް އިތުރުކުރާ ގޮތަށް ކަމަށެވެ. އަދި ސުކޫލަށް ވެއްދުމުގައި އަމަލުކުރާނީ މާލޭ ސިޓީގެ އެހެން ސުކޫލްތަކަށް ވެސް ކުދިން ވެއްދުމުގައި އަމަލުކުރާ އުސޫލަށް ކަމަށެވެ.

އެހެންކަމުން ގުރޭޑް 2، 3، 4، 5 އަދި 6 އަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ސިޓީ ހުށަހެޅުއްވުން އެދޭ ކަމަށާއި ދަރިވަރުން ސުކޫލަށް ވެއްދުމުގައި އިސްކަންދޭނީ ސިޓީ ހުށަހަޅާ ތަރުތީބުން ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެމްއީއެސް ހިންގި އިމާރާތް އިތުރަށް މަރާމާތުކޮށް ކިޔަވައިދިނުމުގެ ވަސީލަތްތައް ގާއިމުކޮށް ޓީޗަރުން ނެގުމަށް ބަޖެޓުގައި 20.2 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©